20 Jul 2026, 19:02
އުތުރާއި މެދުރާއްޖެއަށް މިއަދު އާންމު މިނަށްވުރެ ހޫނު ގަދަވި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިހުސާސްކުރެވޭ ހޫނުމިން މިއަދު އެންމެ މަތިވި ވަގުތު މާލެ ސަރަހައްދުގެ އިތުރުން ހދ. ހަނިމާދޫގައި ވެސް ހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. އެގޮތުން މާލެ ސަރަހައްދަށް މިއަދު މެންދުރު ކުރީގެ ވަގުތުން ފެށިގެން މެންދުރު ފަހު 14:00 ޖެހުމާ ހަމައަށް 37 ޑިގްރީގައި ހޫނުމިން ހިފެހެއްޓިފައި ހުރިއިރު، ހަނިމާދޫގެ ހޫނުމިން މެންދުރުފަހު ވަނީ 37.1 ޑިގްރީއަށް އުފުލިފައެވެ.
މޫސުމީ މިންގަނޑުތަކަށް ބަލާއިރު އިހުސާސްކުރެވޭ ފިނިހޫނުމިން 37 ޑިގްރީއަށް ވުރެ މަތިވުމަކީ އާންމު ހާލަތަށްވުރެ ހޫނުގަދަވުމެވެ. އަދި 39 ޑިގްރީއަށްވުރެ މަތިވުމުން ބެލެވޭނީ "ވަރަށް ހޫނުގަދަ" ހާލަތެއްގެ ގޮތުގައެވެ.
މިގޮތަށް ހޫނުމިން މައްޗަށް ދާ ދުވަސްވަރު ސިއްހީ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ދެމެދު އިރުގެ ދޯދިތައް އެންމެ ބާރުވާ ވަގުތުތަކުގައި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންގެ އިތުރުން އަވީގައި ގިނަވަގުތު މަސައްކަތްކުރާ މީހުން ސަމާލުވުން މުހިންމެވެ.
މި ވަގުތުތަކުގައި ބޭރުގައި އުޅޭއިރު ގިނައިން ފެން ބުއިމާއި، ހަށިގަނޑަށް ފިނިކަންދޭ ތުނި ހެދުން އެޅުމަކީ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެވެ. އަދި ކޮންމެހެން ދާންޖެހިގެން މެނުވީ ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުނިކުތުމަށާއި، ހޫނުގެ ސަބަބުން އާދަޔާ ޚިލާފު ބަލިމަޑުކަމެއް އިހުސާސްކުރެވޭނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އިދާރާތަކުން އިރުޝާދުދެއެވެ.