ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އަށް އަމާޒުކޮށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައްކަވަނީ ހުސް ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހިއުމަން ރައިޓްސް މިނިސްޓަރު ދިޔާނާ ސައީދުގެ ފިރިކަލުން، ޖާބިރަށް އައްބާސް ރައްދެއް ދެއްވީ އިއްޔެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގަ އާއި ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ކޯލިޝަން ސަރުކާރުގެ ހުރިހާ ހަޑި މަސައްކަތެއް ރައީސް ވަހީދު ކުރުވަނީ ކޯލިޝަން ޕާޓީތައް ލައްވާ ކަމަށް ވިދާޅުވެ ޖާބިރު ގިނަ ވާހަކަތަކެއް ދައްކަވާފައި ވަނިކޮށެވެ.

އައްބާސް ވިދާޅުވީ މީޑިއާގައި ޖާބިރު ދައްކަވާ ވާހަކަފުޅު ތަކަކީ އެއްވެސް ހަޤީގަތެއް ނެތް ހުސް ވާހަކަ ކަމަށެވެ. ގުޅިފަވާ ކޯލިޝަންގެ ހުރިހާ ފަރާތް ތަކަކާއެކުވެސް ރައީސް ގަވާއިދުން ބައްދަލު ކުރައްވާ ކަމަށާއި، އެފަރާތް ތަކާއި އެކު ހިއްސާ ކުރައްވަން ޖެހޭ ކަންކަން ހިއްސާ ކުރައްވާ ކަމަށެވެ.
~
"ގުޅިފަ އޮތް ކޯލިޝަންގެ ހުރިހާ ފަރާތްތަކާ އެކުވެސް ރައީސް ވަހީދު ބައްދަލު ކުރައްވާ ހިއްސާ ކުރައްވަން ޖެހޭ ކަންތައް ތައް ޤަވާއިދުން ހިއްސާ ކުރައްވާ. ވަކިން ޖުމްހޫރީ ޕާޓީގެ ނިންމުމެއް އެ ގޮތަށް ނުނިންމަވާ ޖާބިރު އަމިއްލަފުޅަށް ދައްކަވާ ވާހަކަފުޅު ތަކަކީ ޖުމްހޫރީ ޕާޓީގެ ނިސްބަތް ކަމަކަށް ނުބެލެވޭނެ. ޖުމްހުރީ ޕާޓީއަކީ މި ކޯލިޝަންގެ ވަރަށް މުހިއްމު ބައިވެރި އެއް، އެހެންވީމަ ޕާޓިގެ ނަމުގަ ޖާބިރު އެ ދައްކަވާ ވާހަކަފުޅު ތަކަކީ ޕާޓީ ގެ ފަރާތުން ހިއްސާ ކުރައްވާފައިވާ ކަމެއް ނޫން" ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އައްބާސް ވިދާޅު ވިއެވެ.

ސަރުކާރުން އިތުރު 14 ރަށެއް ރިސޯޓުގެ ގޮތުގަ ތަރައްޤީ ކުރަން އިއުލާނު ކުރީ ރައީސް ވަހީދުގެ ކެމްޕެއިނަށް ފައިސާ ހޯދަން ކަމަށް ޖާބިރު ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން އައްބާސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މާސްޓަ ޕްލޭނުގެ ދަށުން ޓޫރިޒަމް މިނިސްޓްރީއާ ޓޫރިޒަމް ސިޔާސަތު ކަނޑަ އަޅާ ކެބިނެޓް ކޮމެޓީ ތަކުން ނިންމާ ކަންތައް ތަކަކީ ރައީސް ގެ ކެމްޕެއިނަށް ކުރައްވާ ކަންތަކުގެ ގޮތުގަ ނުބެލޭނެ ކަމަށެވެ. ރައީސް ވަހީދުގެ ސަރުކާރުގެ ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމު ވެސް ފުރުއްވެވި ޖާބިރަށް އެ ގޮތަށް ހީފުޅުކުރެއްވޭ ނަމަ އެއީ ގޯހެއް ކަމަށެވެ.

"ރައީސް ނަޝީދު ސަރުކާރުގެ ސިޔާސަތަކަށް ވެފަ އޮތީ، ތިންވަނަ ޓޫރިޒަމް މާސްޓަ ޕްލޭނާއި، ޚިލާފަށް ވަރަށް ގިނަ ޕަބްލިކް ޕްރައިވެޓް ޕާޓްނަ ޝިޕގެ ދަށުން ފަޅު ރައްތަކެއް ދޫ ކުރުން. ޓޫރިޒަމް މާސްޓަ ޕްލޭން މި ވަނީ ދޫ ކޮށްލެވިފަ، އެހެން ރައީސް ވަހީދު ރިޔާސަތާ ހަވާލުވެ ލެއްވުމަށް ފަހު އެ ޕަބްލިކް ޕްރައިވެޓް ޕާޓްނަ ޝިޕް މިވަނީ ދޫކޮށް ލެވިފަ، އަދި އަޅުގަނޑު މެން މިވަނީ ޓޫރިޒަމް މާސްޓަ ޕްލޭނަށް ރުޖޫއު ވެފަ، އޭގެ ތެރެއިން ޕަބްލިކް ޕްރައިވެޓް ޕާޓްނަ ޝިޕްތަކެއް ހައްދަވަން ޖެހުނަސް ހައްދަވާ ގޮތަށް ކުރިއަށް އެ ގެންދަވަނީ، އެއީ އެއްވެސް ހާލަތެއްގަ ކުއްލިއަކަށް ނިންމަވާ ކަންތަކެއް ނޫން، އަދި ރޭވުންތެރި ކަމެއް ނެތި ކުރައްވާ ކަމެއްވެސް ނޫން،" އައްބާސް ވިދާޅު ވިއެވެ.

އައްބާސް ވިދާޅުވީ ހިތްޕުޅު ހަމަޖެހި ވަޑައި ނުގެން ޖާބިރު ދައްކަވާ ވާހަކަފުޅު ތަކަކީ އެއްވެސް ހަޤީގަތެއް ނެތް، ދޮގު ވާހަކަ ތަކެއް ކަމަށާއި، ރައީސް ވަހީދުގެ ސަރުކާރަކީ ލިބޭ އެއްޗަކަށް ވުރެ ޚަރަދު ބޮޑު ސަރުކާރެއް ކަމަށް ޖާބިރު ވިދާޅު ވަމުން ގެންދަވާ އިރު ޖާބިރަކީ ފާއިތުވީ ތިން އަހަރު ބަޖެޓުން ބޭރުގައި ރައީސް ނަޝީދު ކުރެއްވެވި ޚަރަދު ތަކުގަ އި ބައިވެރި ވެފަވާ ބޭފުޅެއް ކަމަށެވެ.

"ޖާބިރު ސިޔާސީ ފޯރަމް ތަކުގަ ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކުގެ ސަބަބުން ސަރުކާރަށް ނޭދެވޭ އަސަރެއް ނުކުރާނެ. އަދި ސަރުކާރުން ޤަބޫލެއް ނުކުރޭ ސަރުކާރު ކޯލިޝަނުން ޖުމްހުރީ ޕާޓީގެ ތެރެއިން ހޮވިވަޑައިގެން ހުންނެވި ކާށިދޫ ދާއިރާގެ މެމްބަރު އޮނަރަބްލް ޖާބިރު ވަކިވެ ވަޑައިގެން ފާނެ ކަމަކަށް ވެސް،" ހިއުމައިން ރައިޓސް މިނިސްޓަރުގެ ދިޔާނާ ސައީދުގެ ފިރިކަލުންނާ ބެހޭ ގޮތުން އައްބާސް ވިދާޅު ވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސްއާ އެކު ވެސްޓްޕާކު ހިންގަން ހަދާފައިވާ އެގްރިމަންޓް މި މަހުގެ ނިޔަލަށް ހަމަވާ އިރު އެތަން ތަރައްޤީކޮށް ހިންގަން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އަދި ވިޔަފާރި ވެރިޔާ އާމިރު މަންސޫރަށް 10 އަހަރު ދުވަހަށް ކުއްޔަށް ދިނުމާއި ގުޅިގެން އެކަމާއި ރުހިވަޑައި ނުގެން ޖާބިރު ވަނީ އެ މައްސަލައި ސިވިލް ކޯޓަށް ވެސް ވަޑައިގެންފަ އެވެ.