އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ ލޭބާ ޕާޓީގެ ލީޑަރު އެންޑީ ބާންހަމް މިއަދު ހަވާލުވެވަޑައިގަންނަވާނެއެވެ.

އޭނާ މި މަގާމާ ހަވާލުވެވަޑައިގަންނަވަނީ، ފާއިތުވި ދެ އަހަރު ދުވަހު އެ މަގާމުގައި ހުންނެވި ކިއާ ސްޓާމާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބާންހަމް ވެގެންދާނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ހަތްވަނަ ބޭފުޅާއަށެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ 10 ޑައުނިންގ ސްޓްރީޓްގެ ބޭރުގައި އޭނާ ފުރަތަމަ ތަގުރީރު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭޕީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާންމުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ މައްސަލަތަކާއި، ދަށް ފެންވަރުގައި ދެމުންދާ އާންމު ހިދުމަތްތައް ރަނގަޅުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ބާންހަމް ވަނީ ވިދާޅުވެފައެވެ.

އުމުރުފުޅުން 56 އަހަރުގެ ބާންހަމް އަކީ ގްރޭޓާ މެންޗެސްޓާގެ ކުރީގެ މޭޔަރެވެ. އެ ސަރަހައްދުގައި އޭނާއަށް ވަނީ “ކިންގް އޮފް ދަ ނޯތު” ގެ ނަމުން ލަގަބު ދެވިފައެވެ. މީގެ އިތުރުން، 2001 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ޓޯނީ ބްލެއާ އަދި ގޯޑަން ބްރައުންގެ ސަރުކާރުގައި އޭނާ ވަނީ ވަޒީރުކަންވެސް ކުރައްވާފައެވެ.

ބާންހަމް މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ސްޓާމާ 10 ޑައުނިންގ ސްޓްރީޓްގެ ބޭރުގައި ވަދާއީ ތަގުރީރު ދެއްވާނެއެވެ. އެއަށްފަހު، ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމަށް ބަކިންހަމް ގަނޑުވަރަށް ވަޑައިގަންނަވާނެއެވެ.

ސްޓާމާގެ އިސްތިއުފާ ގަބޫލުފުޅުކުރެއްވުމަށްފަހު، އާ ސަރުކާރެއް އެކުލަވާލުމަށް ރަސްގެފާނު ބާންހަމްއަށް ދަންނަވާނެއެވެ.