20 Jul 2026, 15:23

ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަކީ ކުޑަކުދިން ކުރާ ކުށްތަކަށް ޖަވާބުދާރީކުރުވުމުގައި އެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، އިސްލާހުކުރުމަށް ބާރުއަޅާ ޒަމާނީ ގާނޫނެއް ނަމަވެސް، މި ގާނޫނު ތަންފީޒުކުރުމުގައި ބައެއް ކަންކަން ގާނޫނުގައިވާ ގޮތަށް ފުރިހަމައަށް ކުރިއަށް ނުދާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
ވަސީލަތްތައް ގާއިމުވެފައި ނެތުން
- ޑައިވާޝަން ޕްރޮގްރާމްތައް ހިންގަމުން ނުދިޔުން
- ޚާއްސަ ތަމްރީނު ލިބިފައިވާ މުވައްޒަފުން މަދުވުން
- ކުޑަކުދިން ބަންދުގައި ބޭތިއްބުމުގެ މައްސަލަ
- އުމުރު ކަނޑައެޅުމުގެ ގޮންޖެހުން
- މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ކުޑަވުން
- ކުޑަކުދިންގެ ނާޖާއިޒް ފައިދާ ނަގާ ފަރާތްތަކާ ދެކޮޅަށް އެޅޭ ފިޔަވަޅު މަދުވުން
- ގާނޫނު ތަންފީޒުކުރުމުގެ މަގުސަދުގައި އުފައްދާފައިވާ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ދައުރު ކުޑަވުން
- އެހެން ގާނޫނުތަކާ ފުށުއެރުމުގެ ފުރުސަތު
މައްސަލަ ތަފްސީލުކޮށްދެއްވައި ކުޑޫ ހުށަހެޅުއްވި ސިޓީގައި ވަނީ ގާނޫނުގައި ލާޒިމުކޮށްފައިވާ ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި ރިހެބިލިޓޭޓްކުރާ މަރުކަޒުތައް އެދެވޭ މިންގަނޑަކަށް ގާއިމުވެފައި ނެތުމުން، ކުށްކުރާ ކުދިން ބައިތިއްބާނެ ރައްކާތެރި މާހައުލެއް ގައުމުގައި ނެތް ކަމަށެވެ. މީގެ އިތުރުން ކުދިން ޝަރީއަތަށް ފޮނުވުމުގެ ބަދަލުގައި މުޖުތަމައަށް އަހުލުވެރިކުރުވަން ބޭނުންކުރާ ޑައިވާޝަން ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާނުކުރެވުމާއި، ޖިނާއީ ނިޒާމުގައި މަސައްކަތްކުރާނެ ޚާއްސަ ފުލުހުންނާއި، ޕްރޮސިކިއުޓަރުން އަދި ފަނޑިޔާރުން ތަމްރީނުކުރުން ލަސްވުމުގެ ސަބަބުން މުޅި ނިޒާމު ވަނީ ބުރޫއަރާފައި ކަމަށް ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) -- ފޮޓޯ: މަޖިލިސް
ހަމައެއާއެކު ޕްރޮބޭޝަން އޮފިސަރުންނާއި ސޯޝަލް ވޯކަރުން މަދުވުމުން ކުދިން މޮނިޓާނުކުރެވި، އިސްލާހީ ފަރުވާދޭނެ ތަންތަން ނެތުމުގެ ނަތީޖާއަކަށް ވަނީ، ނުރައްކާތެރި ކުށްތަކުގައި ހިމެނޭ ކުދިން ގިނަ ދުވަހު ބަންދުގައި ބައިތިއްބަން ޖެހުންކަން އެ މައްސަލައިގައި ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމުން، އެއަށްވުރެ ހަގު ކުދިން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމުގައި ގާނޫނީ އަދި އިދާރީ ބޮޑެތި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ.
ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި ޖުވެނައިލް ކޯޓަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ނުލިބުމުގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުން ކުޑަވުމަކީ ގާނޫނު ހިންގަން އޮތް ހުރަހެކެވެ. އެކަން ފާހަގަކުރައްވައި ކުޑޫ ވިދާޅުވީ ޚާއްސަކޮށް، ކުޑަކުދިން ލައްވައި ކުށްކުރުވާ ބޮޑެތި މީހުންނަށް ހައްގު އަދަބު ނުދެވޭނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ.
އެހެންކަމުން ގާނޫނުތަކުގެ މެދުގައި ހުރި ފުށުއެރުންތައް ނައްތާލުމަށްޓަކައި، ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ ހިމެނޭހެން ގުޅުންހުރި ހުރިހާ އިދާރާތަކެއް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.
މި ފަހަކަށް އައިސް މުޖުތަމައު ތެރޭގައި ހިނގާ މާރާމާރީއާއި ހަމަނުޖެހުންތަކުގައި ގިނައިން ޒުވާނުންނާއި ކުޑަކުދިން ބައިވެރިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ރޭ ވެސް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކު ސަރަހައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހު ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި އުޅޭ ތިން ކުއްޖަކު ވެސް މާރާމާރީ ހިންގި މައްސަލައެއް ވެސް ފެންމަތިވިއެވެ.
މިއީ ކަންބޮޑުވުން ބޮޑު މައްސަލައަކަށް ވާއިރު، ފުލުހުން ބުނީ މިފަދަ ކަންކަން ވަރަށް ގާތުން ބަލައި، މާރާމާރީތައް މަދުކުރުމަށްޓަކައި އެކި ފެންވަރުގައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.