ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އަހަރީ އާންމު ޖަލްސާ ބާއްވަން ފަހުގެ ނޯޓިސް، ރާއްޖޭގެ ހިއްސާގެ ބާޒާރުން އެ ކުންފުނިތަކަށް މިއަދު ދީފި އެވެ.

ހިއްސާގެ ބާޒާރުގެ ހިއްސާ ވިއްކާ ކުންފުނިތަކުގެ ގަވާއިދު ބުނާގޮތުން ކޮންމެ މާލީ އަހަރެއް ނިމޭތާ ފަސް މަސްދުވަހުގެ ތެރޭގައި އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހެ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ހަސަން މަނިކު މިއަދު ވިދާޅުވީ އެ ކުންފުނިތަކުން އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭ ތާރީހު ފަހަނައަޅައިދިޔައިރު ވެސް އެ ޖަލްސާ ބާއްވާފައި ނުވާތީ އެ ޖަލްސާ އަންނަ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ބާއްވަން އެ ދެފަރާތަށް އަންގާފައިވާ ކަމަށެވެ. އަދި އެ ނޯޓިސްއަށް އަމަލު ނުކޮށްފިނަމަ ލިސްޓިން ރޫލިންގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"ލިސްޓިން ރޫލުތަކަށް އަޅުގަނޑުމެން އަމަލުކުރަން ޖެހޭނެ، އެ ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް، މި އެންގުން އަންގަން ވެސް މި ޖެހުނީ އެ ގަވާއިދުތަކަށް އަމަލުކުރުން ލާޒިމް ކުރުމަށް،" މަނިކު ވިދާޅުވި އެވެ.

ލިސްޓިންގް ރޫލިންގެ ނުވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ މުއްދަތުގައި އަހަރީ އާންމު ޖަލްސާ ނުބާއްވައިފިނަމަ އެ ކުންފުންޏެއް ޖޫރިމަނާ ކުރުމާއި، އެ ކުންފުންޏެއްގެ ހިއްސާ ވިއްކުން ހުއްޓުވާލުމުގެ ބާރު މުއައްސަސާތަކަށް ލިބިގެންވެ އެވެ. އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ނުބާއްވައިގެން އެ ކުންފުނީގެ ހިއްސާގެ ވިޔަފާރި ހުއްޓުވަން ޖެހިދާނެ ކަމުގެ އިންޒާރު ސީއެމްޑީއޭއިން މީގެ ކުރިން ވެސް ދިނެވެ.

އެމްޓީޑީސީ އާއި ބީއެމްއެލް އިންވެސް ހިއްސާބުތައް އާންމު ނުކޮށްގެންގެން މީގެ ކުރިން ވެސް ޖޫރިމަނާ ކުރި އެވެ. ޖޫރިމަނާ ކުރުމުން ވެސް އެމްޓީޑީސީން އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް އަދިވެސް އާންމު ކޮށްފައެއް ނުވެ އެވެ. އެ އިންޒާރުތަކާއެކު އެ ކުންފުނިން މިހާރު ބުނެފައިވަނީ މި މަސް ނިމުމުގެ ކުރިން އެ ކުންފުނީގެ އަހަރީ ޖަލްސާ ބައްވާނެ ކަމަށެވެ.