24 Sep 2012, 17:47
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާ އަންހެނުންގެ ކޮމެޓީތައް ހިންގުމަށާއި ކޮމެޓީތަކުގެ މެންބަރުންނަށް އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި ޑީއާރްޕީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސިޓީއެެއް ފޮނުވައިފި އެވެ.
ޑީއާރްޕީ އޮފީހުގައި މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަމަވުން އެޕާޓީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަންހެނުންގެ ކޮމެޓީއަށް އެލަވެންސް ހަމަޖައްސައި ދިނުމަށް އެދި މާލިއްޔަތު ކޮމެޓީއަށް ސިޓީ ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އަންހެނުންގެ ކޮމެޓީގެ ގަވާއިދު މިހާރު އެކުލަވާލެވިފައި އޮތީ އުޖޫރަ ނުލިބޭ ގޮތަށް ކަމަށާއި އަންހެނުންގެ ކޮމެޓީއަށް އެއްވެސް ކަހަލަ އުޖޫރައެއް ނުލިބުމަކީ ޑީއާރްޕީން ކަންބޮޑުވާކަމެއް ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކަށް ބޮޑެތި މުސާރަ ލިބޭއިރު ހަމަ އެ ގާނޫނުގެ ދަށުން އުފައްދާ އަންހެނުންގެ ކޮމެޓީތަކަށް އެއްވެސް އުޖޫރައެއް ނުލިބުމަކީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫންކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ. އަދި އަންހެނުންގެ ކޮމެޓީތަކަކީ ގަވާއިދުގެ ދަށުން ވަރަށް ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވާ ތަނަކަށް ވާއިރު އެންމެ އެދެވޭގޮތުގައި އެ ކޮމެޓީތައް ހިންގަން ބަޖެޓެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަންހެނުންގެ ކޮމެޓީއަށް އެލަވެންސެއް ނުދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޚަރަދު ކުޑަކުރުމަށް ކައުންސިލަރުންނާއި މަޖިލީސް މެންބަރުން ފަދަ ބޮޑެތި މުސާރަ ލިބޭ ފަރާތްތަކުގެ މުސާރަ ކުޑަކުރުން މާރަނގަޅުވާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އަންހެނުންގެ ކޮމެޓީގެ ރައީސާއަކީ ރަށު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހަމަޖެއްސުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ވެސް މަޖިލީހުގެ ތެރެއިން ކުރައްވާނެ ކަމަށާއި އެކަމުގައި ހުރިހާ ޕާޓީތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަންހެނުންގެ ކޮމެޓީތައް އިންތިޚާބު ކުރުން އޮންނާނީ ނޮވެމްބަރު ހަތް ވަނަ ދުވަހު އެވެ.