ފިލްމެއް ފްލޮޕްވުމަށްވުރެ ބޮޑަށް ކުޅޭ ކެރެކްޓާ ތަކުރާރުވެދާނެތީ ކަންބޮޑުވޭ: ވިކްރާންތު
ފިލްމެއް ފްލޮޕްވުމަށްވުރެ ބޮޑަށް ކުޅޭ ކެރެކްޓާ ތަކުރާރުވެދާނެތީ ކަންބޮޑުވޭ: ވިކްރާންތު

ފިލްމެއް ފްލޮޕްވުމަށްވުރެ ބޮޑަށް ކަންބޮޑުވަނީ އެއްކަހަލަ ރޯލުތަކެއް ތަކުރާރުކޮށް ކުޅެންޖެހިދާނެތީ ކަމަށް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ވިކްރާންތު މަސީ ބުނެފިއެވެ.

އެހެންވެ ކުޅޭ ކޮންމެ ފިލްމެއްގައި ވެސް ދައްކުވައިދޭ ކެރެކްޓާއިން ތަފާތު މުޅީން އާ ކަންކަން ސްކްރީނަށް ގެނެސްދެވޭތޯ އަބަދުވެސް މަސައްކަތްކުރާ ކަމަށް ނެޝަނަލް އެވޯޑު ހާސިލްކޮށްފައިވާ އެކްޓަރު ބުނެފައިވެއެވެ.

މަގުބޫލު ފިލްމުތައް ކަމަށްވާ "ހަސީން ދިލްރުބާ"، "ސެކްޓަ 36"،
ޓުވެލްތު ފެއިލް" އަދި "ދަ ސަބަރުމަތީ ރިޕޯޓު" ފަދަ ފިލްމުތަކުން މޮޅު އެކްޓިންގް ހުނަރެއް ދެއްކި އެކްޓަރު ބުނިގޮތުގައި، ފިލްމަކަށް ލިބޭ މާލީ ކާމިޔާބީ އަކީ މުހިންމު ކަމެއް ނަމަވެސް، އެކްޓަރަކަށް އޮންނާނެ އެންމެ ބޮޑު ބިރަކީ ފަންނީ ގޮތުން ކުރިއެރުމެއް ނެތި އެއް މަގާމެއްގައި ހަރުލާފައި ހުރުމެވެ.

"ފިލްމެއް ކާމިޔާބު ނުވުމަކީ ރަނގަޅު ކަމެއް ނޫން. ފައިސާ ލިބުމާއި ގިނަ ބަޔަކު ފިލްމު ބެލުމަކީ އަބަދުވެސް އެދޭނެ ކަމެއް. އެހެންނަމަވެސް، އެއަށްވުރެ ބޮޑަށް ބިރުގަންނަނީ އެއްކަހަލަ ކަންތައްތަކެއް ތަކުރާރުކޮށް ކުރަންޖެހިދާނެތީ. އައު ކަންތައްތަކެއް ތަޖުރިބާކުރާއިރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ، ފެއިލްވެދާނެތީ އަހަރެން ބިރެއް ނުގަނޭ" ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ވިކްރާންތު ބުނެފައިވެއެވެ.

ވިކްރާންތުގެ ކުރިއަށް އޮތް ވެބް ސީރީސް "މުސާފިރު ކެފޭ"ގެ ބަތަލާ މަހީމާ މަކްވާނާ--ފޮޓޯ/މިޑްޑޭ

އަމިއްލަ މަސައްކަތްތައް ތަކުރާރުވަމުންދާ ކަމުގެ އިހުސާސް ކުރެވުމުން، 2024 ވަނަ އަހަރު ވިކްރާންތު ވަނީ ހަތް މަސް ދުވަހުގެ ބްރޭކެއް ނަގާފައެވެ. މި މުއްދަތުގައި އޭނާ ވަނީ ކުރިން ކުޅެފައިވާ ފިލްމުތައް ބަލައި، އޭނާގެ ހުނަރު އިތުރަށް ތަރައްގީކުރާނެ ގޮތްތަކާ މެދު ވިސްނާފައެވެ.

އުމުރުން 39 އަހަރުގެ މި އެކްޓަރު މިހާރު ތައްޔާރުވަމުންދަނީ ނެޓްފްލިކްސްއިން މި އަންނަ ހުކުރު ދުވަހު ސްޓްރީމްކުރަންފަށާ ވެބް ސީރީސް "މުސާފިރު ކެފޭ"އިން ބެލުންތެރިންނާ ބައްދަލުކުރުމަށެވެ.

މީގެ އިތުރުން އިންޑިއާގެ ރޫހާނީ ލީޑަރު ސްރީ ސްރީ ރަވީ ޝަންކަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "ވައިޓް" އަދި "ޔާރު ޖިގްރީ"އަކީ ވިކްރާންތުގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކެވެ.

ބޮޑް ސްކްރީނުން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްލުމަށްފަހު ޑިޖިޓަލް ޕްލެޓްފޯމަކަށް ދިއުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިކަމަށް ވެސް ވިކްރާންތު ވަނީ ބުނެފައެވެ.

"ބައެއް މީހުން ބުނި ތިޔައީ ގައުމީ އެވޯޑް ލިބިފައިވާ، ބޮކްސް އޮފީހުގައި ކާމިޔާބު އެކްޓަރެކޭ، އެހެންވީމާ ދެން އޯޓީޓީ ޕްލެޓްފޯމްތަކަށް ނުދާށޭ. އަދި "ސެކްޓަ 36"ގައި ނެގެޓިވް ރޯލެއް ކުޅެން އުޅުމުންވެސް ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރި. އެކަމަކު އަހަރެން އަބަދުވެސް ބޭނުންވަނީ އާންމުކޮށް މީހުން ހިނގާ މަގަށްވުރެ ތަފާތު މަގަކުން ދަތުރުކުރަން،" ވިކްރާންތު ބުނެފައިވެއެވެ.

ވިކްރާންތު ފާހަގަކުރި ގޮތުގައި އޭނާގެ މަގްސަދަކީ ހަމައެކަނި އާއްމުން މުނިފޫހިފިލުވައިދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، އަޑެއް ނެތް މީހުންގެ އަޑަކަށްވެ، މުޖުތަމައަށް މާނަހުރި މެސެޖުތަކެއް ފޯރުކޮށްދިނުމަކީ އޭނާގެ އަމާޒެކެވެ.

ތިން ބީރައްޓެހިންގެ ދިރިއުޅުމާއި، ލޯތްބާއި، އަމިއްލަ ނަފްސު ހޯދުމަށް ކުރާ ދަތުރެއްގެ މައްޗަށް ބިނާކޮށްފައިވާ ވެބް ސީރީޒް "މުސާފިރު ކެފޭ"ގައި ވިކްރާންތު ފެންނާނީ އަމިއްލަވަންތަ ދިރިއުޅުމެއް ހޯދުމަށް މަސައްކަތްކުރާ މިނިވަން ޚިޔާލުގެވެރި ޒުވާނެއްގެ ކެރެކްޓާއިންނެވެ. މި ސީރީޒްއިން ވިކްރާންތުއާ އެކު ފެންނާނެ އިތުރު ތަރިންގެތެރޭ ވޭދިކާ ޕިންޓޯ އަދި މަހީމާ މަކްވާނާ ހިމެނެއެވެ.