ސްރީލަންކާގެ ކޮލަމްބޯގައި އިއްޔެ ބޭއްވި ދެކުނު އޭޝިއާގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ކޭ-1 ކިކްބޮކްސިންގް ލީގު ކަމަށްވާ "ކަރްމާ ފައިޓް ލީގު" (ކޭއެފްއެލް 8) ގައި ރާއްޖޭގެ ހުނަރުވެރި މާޝަލް އާޓްސް އެތުލީޓް ފާތިމަތު އިބްރާހިމް ބޮޑު މޮޅެއް ހޯދައިފިއެވެ.

މި މެޗުން ބޮޑު މޮޅެއް ހޯދުމުގެ އިތުރުން، އޭނާ ވަނީ މި މުބާރާތުގެ ޗެމްޕިއަނެއްގެ ގޮތުގައި ފައިސާގެ ބޮޑު އިނާމެއްވެސް ހާސިލްކޮށްފައެވެ.

ސްރީލަންކާ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރު (އެސްއެލްއީސީސީ) ގައި ކުރިއަށްދިޔަ މި މުބާރާތުގައި ފާތިމަތު ވާދަކުރީ 52 ކިލޯގްރާމްގެ ޑިވިޝަނުންނެވެ. ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދިޔަ މި މެޗުގައި އޭނާ ވާދަކޮށްފައިވަނީ ރޮމެއިންއާ އެވެ.

މުޅި މެޗުގައިވެސް ފާތިމަތުގެ ފަރާތުން ފެނިގެންދިޔައީ ހަލުވި ހަމަލާތަކަކާއި ތަފާތު މޮޅު ކުޅުމެކެވެ. ރޮމެއިންގެ މައްޗަށް ހޯދި މި ކާމިޔާބީއާއެކު މުބާރާތް ރެގިއުލޭޓްކުރާ ކަރްމާ ފައިޓް ލީގުން ވަނީ އޭނާގެ ހުނަރު ފާހަގަކޮށް، ޝަރަފުވެރި ފައިސާގެ އިނާމެއް އޭނާއަށް އަރުވާފައެވެ.

ދެކުނު އޭޝިއާގެ ފަސް ގައުމަކުން ހުނަރުވެރި ފައިޓަރުން ވާދަކުރި މި ޝަރަފުވެރި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ހަމައެކަނި އެތުލީޓަކީވެސް ފާތިމަތެވެ. މި ފައިޓު އެންމެ ފުރަތަމަ ކުރަން ހަމަޖެހުނީ ޕާކިސްތާނުގެ ފައިޓަރަކާއެވެ. ނަމަވެސް ވީސާގެ ހުއްދަ ނުލިބުމާއެކު އޭނާގެ ނަން ނެގީއެވެ.

މީގެކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި، 2025 ވަނަ އަހަރު ޗައިނާގައި ބޭއްވި ވޯލްޑް ޓައެކްވޮންޑޯ ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި ފާތިމަތަށް، ލަންކާގެ މި މުބާރާތަކީ އޭނާގެ ކެރިއަރުގައި ކުރިމަތިލި ބޮޑު ޗެލެންޖެކެވެ.

މިއީ ލަންކާގެ މި ޕްލެޓްފޯމުގައި އޭނާ ވާދަކުރި ފުރަތަމަ ފަހަރުގެ އިތުރުން، ޓައެކްވޮންޑޯގެ ކާމިޔާބު މުބާރާތްތަކަށްފަހު ކިކްބޮކްސިންގް ކެޓަގަރީގައި އޭނާ ވާދަކޮށް ހޯދި ފުރަތަމަ ކާމިޔާބީވެސް މެއެވެ.

ފާތިމަތަކީ މާޝަލް އާޓްސްގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މޮޅު އެތުލީޓެކެވެ. އެގޮތުން އޭނާއަކީ ޓައެކްވަންޑޯގެ ދެވަނަ ޑޭންގެ ބްލެކް ބެލްޓް އެތުލީޓެއްގެ އިތުރުން، ބްރެޒިލިއަން ޖިއު-ޖިޓްސޫގެ ބްރޫ ބެލްޓް ހާސިލުކޮށްފައިވާ ފައިޓަރެކެވެ.

މީގެކުރިން ބައިނަލްއަގުވާމީ ޓައެކްވަންޑޯ މުބާރާތްތަކުގައި މެޑަލް ހޯދުމުގެ އިތުރުން، 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޑީސީސީ ސަބްމިަން ގްރެޕްލިންގ މުބާރާތުގައިވެސް އޭނާ ވަނީ ވާދަކޮށްފައެވެ.

ޕަންޗުތަކާއި، ކިކްތަކުގެ އިތުރުން ކަކުލުން ހަމަލާދޭ، ވަރަށް ހަލުވި ފައިޓިންގ ފޯމެޓެއް ކަމަށްވާ ކޭ-1 ކިކްބޮކްސިންގްއަކީ ފާތިމަތަށް މުޅިން އައު ކެޓަގަރީއަކަށް ވީނަމަވެސް، އޭނާ މި މުބާރާތަށް ތައްޔާރުވީ ބޮޑު އިތުބާރަކާއެކުގައެވެ.