19 Jul 2026, 21:06
ސާޅީސް ދެ ރަށެއްގައި ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަން ރާއްޖެއާއި އިންޑިއާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރީ މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގެ އިދާރާގައެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އިންޑިއާ ސަރުކާރު ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސަފީރު ޖީ. ބާލަސުބްރަމާނިއަނެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ފިޓްނަސް ސެންޓަރުތަކަށް ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، ފެންވަރު ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މަގު ފުޅާވެގެންދާނެ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
ރާފިޢު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ހިތްވަރުގަދަކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަޝްރޫއުތައް ހިންގުމަށް ގެއްލުމުގައި ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަނާއި އެއާޕޯޓު ކުންފުނި އެމްއޭސީއެލާ ވަނީ ހަވާލުކޮށްފައެވެ.