19 Jul 2026, 18:40
ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ ފައިނަލް މެޗު މިރޭ އޮތްއިރު އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ފުލުހުން ވަނީ ވޯލްޑްކަޕް ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުން ދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އެދިފައެވެ. އަދި ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ބުނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަން ދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
އާޖެންޓީނާއާއި އިންގްލެންޑް ބައްދަލުކުރި ސެމީ ފައިނަލް މެޗު ފެށުމުގެ ކުރިން ވެސް ފުލުހުން ވަނީ، މެޗާ ގުޅުވައި އުފާފާޅުކުރުމުގައި އަމާންކަން ގެއްލިދާނެ ފަދަ ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ވެސް ގަދަވެފައިވާއިރު، މާލެ ސަރަހައްދުގެ ބައެއް އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ގިނަ އަދަދެއްގެ މީހުން މެޗުތައް ބަލައެވެ. އާންމު ގޮތެއްގައި ދަންވަރު އޮންނަ މެޗުތައް ބެލުމަށް ފަހު ބައެއް މީހުން އުފާ ފާޅުކުރުމުގެ ގޮތުން އެއްވެ، މަގުމައްޗަށް ވެސް ނުކުމެ އުޅެއެވެ.
ރާއްޖެއަކީ ފުޓްބޯޅައިގެ ފޯރިގަދަ ގައުމެއް ކަމަށްވާއިރު، މި ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވެސް އެ ފޯރީގައި ބައިވެރިވެއެވެ. ޚާއްސަކޮށް، އާޖެންޓީނާއަށް އޮންނަ ތާއީދު ބޮޑުކަން ފާހަގަކުރެވެއެވެ.