19 Jul 2026, 17:16
ފީފާ ވޯލްޑް ކަޕް ފައިނަލް މެޗް މިރޭ ކުޅޭއިރު، މެޗް ބަލަން ގިނަ ބަޔަކު ހޭލާ ތިބޭނެތީ އިންޑިއާގެ ކެރެލާގެ ޖެނެރަލް އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ދަށުން ހިންގާ ހުރިހާ ސްކޫލްތަކަށް މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި މިގޮތަށް ނިންމީ ފުޓްބޯޅައަށް ލޯބިކުރާ ދަރިވަރުން އެގޮތަށް އެދެމުން ދާތީއެވެ.
ރަސްމީ ބަޔާނުގައި ބުނެފައި ވަނީ މި ބަންދުގެ މުއްދަތު ހަމަވާނީ ޖެނެރަލް އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ދަށުން ހިންގާ ހުރިހާ ސްކޫލުތަކަށް ކަމަށެެވެ.
"ފުޓްބޯޅައަށް ލޯބިކުރާ ދަރިވަރުންގެ އެދުމުގެ މަތިން މިރޭ ދަންވަރު ކުޅޭ ފީފާ ވޯލްޑް ކަޕް ފައިނަލަށް ކެރެލާގެ ޖެނެރަލް އެޑިއުކޭޝަން ޑިޕާޓްމަންޓުން ވަނީ އެ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ހުރިހާ ސްކޫލަކަށް ހޯމަ ދުވަހު (ޖުލައި 20) ޗުއްޓީއެއް ކަނޑައަޅާފައި," ކެރެލާގެ އެޑިއުކޭޝަން މިނިސްޓަރު އެން ޝަމްސުއްދީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މެޗު ފަށާނީ އިންޑިއާ ގަޑިން ދަންވަރު 12:30 ގަ އެވެ.
މީގެ ކުރިން ސީޕީއައި (އެމް) ގެ ލީޑަރު އަދި ކެރެލާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ވީ ސިވަންކުޓީވެސް ވަނީ ފީފާ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗަށް ހޯމަ ދުވަސް ހުރިހާ ސްކޫލަކަށް ޗުއްޓީއެއް ކަނޑައެޅުމަށް ސްޓޭޓް ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ. އަދި މި ގެއްލޭ ދުވަސް ފޫބެއްދުމަށްޓަކައި ކުރިއަށް އޮތް ހޮނިހިރު ދުވަހެއްގައި ސްކޫލް ހުޅުވައިގެން ކިޔަވައިދިނުމަށް އޭނާ ލަފާދެއްވިއެވެ.
ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހު ނިއު ޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައެވެ.