24 Sep 2012, 17:34
އިސްލާމް އާބާދު (ސެޕްޓެމްބަރ 24) : ކީރިތި ރަސޫލާއަށް އިހާނާތާއި ފުރައްސާރަކޮށް އިސްލާމީ ޢަޤީދާއަކީ ނައްތާލަންޖެހޭ އެއްޗެއް ކަމަށް ސިފަކޮށް އެމެރިކާގައި ކުޅެފައިވާ ފިލްމުގެ ޕްރޮޑިއުސަރު މަރާލިމީހަކަށް ޕާކިސްތާނުގެ ކެބިނެޓްގެ ވަޒީރެއް ކަމަށްވާ ޣުލާމް އަޙްމަދު ބައިލޫރު ހުށަހެޅުއްވި އެއްލައްކަ އެމެރިކާ ޑޮލަރުގެ އިނާމާ ޕާކިސްތާން ސަރުކާރާ ގުޅުންނެތް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފް ގެ ތަރްޖަމާނަކު ވިދާޅުވެއްޖެވެ.
އިސްލާމް އާބާދުގައި މިއަދު ދެއްވި ބަޔާނެއްގައި ޕާކިސްތާން ބޮޑުވަޒީރު ތަރްޖަމާން ވިދާޅުވީ ކީރިތި ރަސޫލާއާ އަދި އިސްލާމީ ޢަޤީދާއާ އިދިކޮޅު ފިލްމާ ޕާކިސްތާން ސަރުކާރު ވަރަށްބޮޑަށް ދެކޮޅު ހަދާކަމަށާ އަދި މިކަމާދެކޮޅަށް ސުލްހަވެރިގޮތުގައި އިޙްތިޖާޖްކުރުމަށްވެސް ޕާކިސްތާން ސަރުކާރުން ހިއްވަރުދޭ ކަމުގައެވެ. ނަމަވެސް މިފިލްމުގެ ޕްރޮޑިއުސަރުވެސް އަދި ފިލްމާ ގުޅުންހުރި އެހެން މީހަކު މަރާލާމީހަކަށް ފައިސާގެ އިނާމް ދިނުމަކީ ޕާކިސްތާން ސަރުކާރުގެ ސޔާސަތެއް ނޫނެވެ.
މިމޭރުމުން ވާހަކަދައްކަވަމުން، މިފިލްމުގެ ޕްރޮޑިއުސަރު މަރާލިމީހަކަށް ޕާކިސްތާނުގެ ކެބިނެޓްގެ ރޭލްވޭއާބެހޭ ވަޒީރު ޣުލާމް އަޙްމަދު ބައިލޫރު ހުށަހެޅުއްވި އެއްލައްކަ އެމެރިކާ ޑޮލަރުގެ އިނާމަކީ އޭނާގެ އަމިއްލަ ކަމެއް ކަމަށާ މިއީ ޕާކިސްތާން ސަރުކާރާ ގުޅުންހުރި ކަމެއްނޫން ކަމަށް ބޮޑުވަޒީރުގެ ތަރްޖަމާން ވިދާޅުވިއެވެ. ނަމަވެސް މިފަދަ އިނާމެއް ހުށަހެޅުއްވުމާއި ހުށަނޭޅުއްވުމަކީ ފަރްދީގޮތުން ޕާކިސްތާނުގެ ވަޒީރަށް ލިބިވަޑައިގަންނަވާ މިނިވަންކަމެއް ކަމަށާ މިމިނިވަންކަމާ ސަރުކާރުން ނުބެހޭނެ ކަމަށްވެސް ތަރްޖަމާން ވިދާޅުވިއެވެ.
އިނާމް ހުށަހަޅުއްވަމުން ޕާކިސްތާނުގެ ކެބިނެޓްގެ ރޭލްވޭއާބެހޭ ވަޒިރު ޣުލާމް އަޙްމަދު ވިދާޅުވީ ކީރިތި ރަސޫލާއަށް އިހާނާތާއި ފުރައްސާރަކޮށް އިސްލާމީ ޢަޤީދާއަށް ޖެއްސުންކޮށް ކުޅެފައިވާ ފިލްމުގެ ޕްރޮޑިއުސަރު މަރާލިމީހަކަށް އަމިއްލަ ޖީބުން އެއްލައްކަ ޑޮލަރު ދެއްވާނެ ކަން އިއްލާންކުރައްވަނީ ވަރަށް ކެރިހުންނަވައިގެން ކަމުގައެވެ. ހެއްދެވި ފަރާތްފިޔަވައި އެހެން ފަރާތެއްދެކެ އޭނާ ބިރު ނުގަންނަ ކަމަށާއި އިސްލާމް ދީނާއި ކީރިތި ރަސޫލާގެ ދިފާޢުގައި ޝަހީދުވާން ތައްޔާރަށް ހުންނެވި ކަމަށްވެސް ޣުލާމް ވިދާޅުވެފައިވެއެވެ. އަދި މިފަދަ ހަރުކަށި ޢަމަލުތައް ހިންގާ ފަރާތްތަކަށް ބިރުދައްކަންޖެހޭ ކަމަށާ މިފަރާތްތަކަށް ބިރު ދެއްކިއްޖެނަމަ މުސްތަޤްބަލްގައި މިފަދަ ހަރުކަށި ޢަމަލުތައް ތަކުރާރުވުން ކުޑަވާނެ ކަމަށްވެސް ޣުލާމް ވިދާޅުވެފައިވެއެވެ.
މިފިލްމާ ދެކޮޅަށް ޕާކިސްތާނުގައި ކުރި މުޒަހަރާތަކުގައި އެޤައުމުގެ ވަޒީރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އަދި ބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފްވަނީ ކީރިތި ރަސޫލާގެ ޙައްޤުގައި ސުލްޙަވެރި ގޮތުގައި މުޒާހަރާ ކޮށް އަޑުއުފުލުމަށް ގޮވާލައްވާފައެވެ. -- އަލްޖަޒީރާ