ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ, ކިޔަވަން ދޭ ލޯނެއް މިއަދު ތަޢާރަފުކޮށްފައެވެ.

މިއީ އެ ބޭންކުން ދޫކުރަމުން އަންނަ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންއަށް ގެނައި ހެޔޮ ބަދަލެއްގެ ތެރެއިން ހުޅުވާލި ފުރުސަތެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މި ބަދަލާއެކު، ބޭރު ގައުމުތަކުގައި ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށާއި، އެފަދަ ކޯސްތަކާ ގުޅުންހުރި ސެޓްފިކެޓް ފީ ދެއްކުމަށް ސީދާ ޑޮލަރުން ފައިނޭންސް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފައެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންއެއް ކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަޢާރަފުކުރި މި ފައިނޭންސްގެ ދަށުން، ކޯސް ފީތައް ބޭންކުން ސީދާ ތަޢުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް ނުވަތަ އެލަވަންސް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.

މި އިންތިޒާމުގެ ސަބަބުން ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމަށް ދަރިވަރުންނަށް ބޮޑު ފަސޭހައެއް ލިބި، މަސައްކަތްތައް އަވަސްވެގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ.

"ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތަޢުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް،" ޝަރީފް ވިދާޅުވިއެވެ.

މި ލޯނުގެ ތެރެއިން ރަހުނަކާ ނުލާ ދޭ ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 10 ޕަސެންޓެވެ. އަނބުރާ ދެއްކުމަށް ފަސް އަހަރު ލިބެއެވެ.

މި ލޯނުގެ ތެރެއިން ރަހުނާއެކު ދޭ ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 2.5 ޕަސެންޓެވެ. އަނބުރާ ދެއްކުމަށް 10 އަހަރު ލިބެއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލް އިން އަންނަނީ ދަރިވަރުންގެ ތަޢުލީމީ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ބޭންކުން ބުނެއެވެ. ރަހުނަކާ ނުލައި ދޫކުރާ މި އައު ފައިނޭންސިންގއާ ގުޅޭ އިތުރު މަޢުލޫމާތު ބީއެމްއެލްގެ ރަސްމީ ވެބްސައިޓުގައިވާ ކިޔަވާ ލޯނާ ގުޅޭ ޚާއްޞަ ޞަފުޙާއިން ލިބެން އެބަހުއްޓެވެ.