ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޭސްބުކް ބޭނުންކުރާ ގިނަ ބަޔަކަށް މިއަދު ކުއްލި ގޮތަކަށް އެ ޕްލެޓްފޯމްގެ ޚިދުމަތްތައް މެދުކެނޑިއްޖެއެވެ.

އިންޓަނެޓްގެ ޚިދުމަތްތައް މޮނިޓަކުރާ ވެބްސައިޓެއް ކަމަށްވާ ޑައުންޑިޓެކްޓާ އިން ހާމަކޮށްފައިވާ ގޮތުގައި، ފޭސްބުކް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، މައްސަލަ ދިމާވުމުގެ ކުރިން އެންމެ ފަސް ރިޕޯޓު ލިބިފައިވީ ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަދަދު 3،555 އަށް އެރި ކަމަށް އެ ވެބްސައިޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ބައެއް އެހެން ރިޕޯޓުތައް ބުނާ ގޮތުގައި މި އަދަދު ވަނީ 4،000 އަށް ވުރެ މައްޗަށްވެސް ގޮސްފައެވެ.

ފޭސްބުކް ބޭނުންކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެ މީހުންގެ އެކައުންޓްތަކަށް ވަނުމުގައްޔާއި ޕްލެޓްފޯމްގެ އަސާސީ ފީޗާތައް ބޭނުންކުރުމުގައި ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. މީގެ އިތުރުން، ބައެއް މީހުންނަށް ފޮޓޯއާއި ވީޑިއޯ އަޕްލޯޑު ނުކުރެވޭ ކަމަށާއި، ފޭސްބުކް މެސެންޖާ މެދުވެރިކޮށް މެސެޖު ނުފޮނުވޭ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. ޑައުންޑިޓެކްޓާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ގިނަ ބަޔަކަށް މައްސަލަ ދިމާވެފައިވަނީ ވެބްސައިޓަށް ވަނުމުގައެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ފޭސްބުކްގެ ޑެސްކްޓޮޕް ވާޝަނަށެވެ. ގިނަ ބަޔަކު ވެބްސައިޓަށް ވަންނަން މަސައްކަތް ކުރުމުން ފެންނަނީ، ސައިޓަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ ގޮތުން އެކައުންޓް ބޭނުން ނުކުރެވޭނެ ކަމަށާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނާ މެސެޖެކެވެ. ނަމަވެސް ބައެއް މީހުންނަށް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފޭސްބުކް ބޭނުންކުރެވޭ ކަމަށްވެސް ބައެއް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފޭސްބުކްގެ ބެލެނިވެރި ކުންފުނި، މެޓާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބެއްވެސް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.