24 Sep 2012, 17:19
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ގޮތުން "ސޭފްޓީ އެންޑް ސެކިއުރިޓީ އެކްސްޕޯ 2012" ގެ ނަމުގައި ފެއާއެއް ބާއްވާ ގޮތަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަމަޖައްސައިފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ މިމަހުގެ 28 އިން 29 ގެ ނިޔަލަށް ދަރުމަވަންތަ ސްލޫލްގައި ބާއްވާ މި ފެއާއަކީ ސެކިއުރިޓީ ދާއިރާގައި ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތަކާއި ކުށް މަދު ކުރުމަށް ހޯދިދާނެ ވަސީލަތްތަކަކީ ކޮބައިތޯ އާއްމުންނަށް އަންގައިދިނުމުގެ ގޮތުން ބާއްވާ ފެއާއެއް ކަމަށެވެ. މިފެއާގައި ރާއްޖޭގައި ސެކުއިރިޓީ ހިދުމަތްދޭ 40 ކުންފުންޏަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
"އިމާރާތްތަކުގަ އާއި ގޭގޭގެ އާއި މީހުންގެ ރައްކާތެރި ކަމާއި ސަލާމަތަށް ބޭނުންކުރެވޭނެ ވަރަށް ގިނަ ވަސީލަތްތައް އެބަހުރި. ސެކިއުރިޓީ ކެމެރާފަދަ އެއްޗެހި ހުންނާނެ އެ ފެއާގައި. އެކަމަކު އެކަންކަން ނޭނގޭ ގިނަ ބަޔަކު އެބައުޅޭ. މިފެއާގެ ބޭނުމަކީ މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުން،" ހަނީފް ވިދާޅުވި އެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން އާއްމުކޮށް ހުޅުވައިލައިގެން ބާއްވާ މިފެއާ ކުރިއަށްދާނީ 28 އަދި 29 ގެ ހެނދުނާއި ރޭގަނޑު ކަމަށް ވެސް ފުލުހުން ބުންޏެވެ. މިއީ މިގޮތަށް ބާއްވާ ފުރަތަމަ ފެއާ އެވެ.