19 Jul 2026, 10:29

ފީފާ ވޯލްޑް ކަޕްގެ 2026 ގެ ތިންވަނަ ހޮވާ މެޗުގައި، ފްރާންސްގެ މައްޗަށް 6-4 ގެ ނަތީޖާއަކުން ކުރިހޯދައި އިންގްލެންޑުން މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކޮށްފިއެވެ.
މިއީ 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، އިންގްލެންޑުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
މިއާމީގެ ގަދަ ހޫނުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު އިންގްލެންޑުން ނިންމާލީ 4-0 ގެ ބޮޑު ލީޑަކާއެކުއެވެ. މެޗުގެ 3 ވަނަ މިނެޓުގައި ޑެކްލަން ރައިސް ދުރުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް ކުރިހޯދައިދިންއިރު، ދެވަނަ ގޯލު ބޮލުން ޖަހައިދިނީ އެޒްރީ ކޮންސާއެވެ.
އޭގެފަހުން، އާސެނަލްގެ ފޯވާޑް ބުކާޔޯ ސަކާ ވަނީ ފުރަތަމަ ހާފުގައި އިތުރު ދެ ގޯލު ޖަހައި އިންގްލެންޑުގެ ލީޑު ފުޅާކޮށްދީފައެވެ.

ފީފާ ވޯލްޑް ކަޕުގެ ތިންވަނަ ހޮވާ މެޗުގައި އިންގްލެންޑް މޮޅުވި މެޗުގެ ތެރެއިން--
ނަމަވެސް، ދެވަނަ ހާފުގައި ފްރާންސުން ވަނީ މެޗުގެ މޫނުމަތި މުޅިން ބަދަލުކޮށްލާފައެވެ. ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ގެނައި ބަދަލުތަކާއެކު، ކީލިއަން އެމްބާޕޭ ވަނީ ޖެހިޖެހިގެން ދެ ގޯލު ޖަހައި ފްރާންސަށް އުންމީދު އާކޮށްދީފައެވެ.
މި ގޯލުތަކާއެކު އެމްބާޕޭ ވަނީ ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު، ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ޖުމްލަ 22 ލަނޑު ޖަހައިގެން ހޯދާފައެވެ. އަދި ބްރެޑްލީ ބާކޯލާ ޖަހައިދިން ގޯލާއެކު ނަތީޖާ 4-3 އަށް ކައިރިވިއެވެ.
ފްރާންސުން މެޗުގެ ނަތީޖާ އެއްވަރުކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވިިރު، އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކުން ސަކާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ނަތީޖާ 5-3 އަށް ބަދަލުކޮށްފައެވެ.
އޭގެ ފަހުން ފްރާންސްގެ އޮސްމާން ޑެމްބެލޭ ގޯލެއް ޖަހާފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ވަނީ އިންގްލެންޑުގެ 6 ވަނަ ގޯލު ޖަހައިދީ މެޗުން މޮޅުވުން ކަށަވަރުކޮށްދީފައެވެ. މި ގޯލާއެކު ބެލިންހަމް ވެގެން ގޮސްފައިވަނީ އެއް ވޯލްޑް ކަޕެއްގައި 7 ގޯލު ޖެހި އިންގްލެންޑުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިއީ 14 އަހަރަށްފަހު ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމުން ވަކިވާ ޑިޑިއޭ ޑެޝޯމްޕްސްގެ ފަހު މެޗެވެ. ވޯލްޑް ކަޕް 2026 ގެ ބޮޑު ފައިނަލް މެޗުގައި އާދީއްތަ ދުވަހު ނިއު ޖާޒީގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ސްޕެއިންއެވެ.