24 Sep 2012, 16:12
ގައުމީ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން އައްޑޫ އަތޮޅުގައި ހަދާފައިވާ ހެރެތެރެ ރިސޯޓުގެ ބީލަން ކެންސަލްކޮށް އަލުން ބިޑަށް ލުމަށް އެ ކުންފުނިން މިއަދު ނިންމައިފި އެވެ.
ހެރެތެރެ ވިއްކާލުމަށް ނޫނީ ހިންގުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން އެ ކުންފުނިން ހުޅުވާލީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެ ބިޑް ބާތިލްކުރަމުން އެމްޓީޑީސީން މިއަދު ބުނީ އެ ބީލަން ބާތިލްކުރަން ޖެހުނީ އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އާއި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުތައް ފުރިހަމަ ނުވާތީ ބިޑް އިވެލުއޭޓް ކުރުމުގައި ދަތިތައް ދިމާވާނެތީ ކަމަށެވެ.
"އެހެން ކަމުން މި ކުންފުނިން މިހާރު ނިންމާފައިވަނީ ހެރެތެރެ ރިސޯޓް ހިންގުމަށް ގާބިލު ފަރާތެއް ހޮވުމަށް އަލުން އިއުލާން ކުރުމަށެވެ،" އެ ކުންފުނިން ނެރުނު ބަޔާނުގައިވެ އެވެ.
ފައްސަތޭކަ ސާޅީސް ހަތަރު އެނދުގެ އެ ރިސޯޓްގެ ބީލަން މިއަދު ބާތިލް ކުރީއިރު އަށް ފަރާތަކުން ވަނީ އެ ރަށަށް ޝައުގިވެރިކަން ފާޅުކޮށްފަ އެވެ. އެއީ ބޭރުގެ ހަތަރު ކުންފުންޏަކާއި ރާއްޖޭގެ ހަތަރު ކުންފުންޏަކުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހެރެތެރެއަކީ އެމްޓީޑީސީގެ އެންމެ ބޮޑު އެސެޓް ނަމަވެސް އެ ރަށުން އެމްޓީޑީސީއަށް އަންނަނީ ބޮޑެތި ގެއްލުމާއި ކުރިމަތިވަމުންނެވެ. މީގެ ކުރިންވެސް ދެ ފަރާތަކުން އެ ރަށް ހިންގުމަށް މަސައްކަތް ކުރި ނަމަވެސް ހެރެތެރެ ނުހިންގިގެން ވަނީ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ. އެންމެ ފަހުން، މިދިޔަ އަހަރުގެ ފަހުކޮޅު ތައިލެންޑްގެ އޮނިކްސް ގްރޫޕުން އެރަށް ހިންގަން ފެށިނަމަވެސް މިއަހަރުގެ ފެބުރުއަރީ މަހު އެ ކުންފުނިން ވަނީ އެރަށް ދޫކޮށްލައިފަ އެވެ. މިހާރު އެރަށް އޮޕަރޭޓް ކުރަނީ އެމްޓީޑީސީން ނެވެ.