ވައިގެ ދަތުރުތަކުގެ އަގު އުފުލުމުން، ދަތުރުފަތުރުގެ އަގަށް 9 ޕަސެންޓްގެ އިތުރުވުމެއް
ވައިގެ ދަތުރުތަކުގެ އަގު އުފުލުމުން، ދަތުރުފަތުރުގެ އަގަށް 9 ޕަސެންޓްގެ އިތުރުވުމެއް

ރާއްޖޭން ބޭރަށް ކުރާ ވައިގެ ދަތުރުފަތުރުގެ އަގު އުފުލުމާ ގުޅިގެން، ޖުމްލަ ގޮތެއްގައި ދަތުރުފަތުރުގެ އަގު 9.35 ޕަސެންޓް އުފުލިއްޖެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ، ގޭބިސީތަކުގެ ޚަރަދަށް އަންނަ ބަދަލުތައް ދައްކުވައިދޭ ސީޕީއައިގެ މެއި މަހުގެ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު، ސީޕީއައިގައި ހިމެނޭ ހުރިހާ ގުރޫޕެއްގެ އަގުތައް ވަނީ 2.54 ޕަސެންޓް އުފުލިފައެވެ.

ސީޕީއައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ ދަތުރުފަތުރުންނެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 9.35 ޕަސެންޓް އިތުރުވެފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހުން މެއި މަހަށް އައިސްފައިވަނީ 1.12 ޕަސެންޓްގެ އިތުރުވުމެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ފާހަގަކޮށްފައިވާ ގޮތުގައި އެ ބަދަލުގެ މައިގަނޑު ސަބަބަކީ ބޭރުގެ ވައިގެ ދަތުރުފަތުރުގެ އަގު 17.75 ޕަސެންޓް އުފުލި، ކަނޑު ދަތުރުފަތުރުގެ އަގު 1.08 ޕަސެންޓް އުފުލުމެވެ.

މީހުން ރަށްރަށަށް ފުރުން: ކަނޑު ދަތުރުފަތުރުގެ އަގު ވެސް ވަނީ އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މެއި މަހަކީ އަސާސީ ތަކެތީގެ އަގުތައް ވެސް ވަރަށް ބޮޑަށް އުފުލުނު މަހެކެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު، 6.63 ޕަސެންޓް އުފުލުނުއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ގޭހާއި ތެލުގެ ބާވަތްތަކުގެ އަގަށެވެ. އެ ބާވަތްތަކުން، މިދިޔަ އަހަރުގެ މެއި މަހުގެ އަގުތަކާ އަޅައިބަލާއިރު 19.9 ޕަސެންޓްގެ އިތުރުވުމެއް ވަނީ ފެނިފައެވެ.

މީގެ އިތުރުން ކާނާގެ ބާވަތްތަކުގެ އަގު 6.51 ޕަސެންޓް އުފުލި، ބުއިމުގެ ބާވަތްތަކުގެ އަގު 5.15 ޕަސެންޓް އުފުލުނެވެ.

ރާއްޖޭން މި އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭއިރު، މިދިޔަ އޭޕްރިލް މަހު ވަނީ 524.68 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް ދައްކައިފައެވެ. އެ ދަރަނި ދެއްކުމުން ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެ، މި އަހަރު ތަކެތީގެ އަގު އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން މިދިޔަ އަހަރު ވަނީ ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުން މި އަހަރު ވަނީ، އީރާން ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަން ދަށްވެ، ތަކެތި އެތެރެ ކުރުމުގެ އަގު އުފުލި، އޭގެ އަސަރު އާމްދަނީއަށް ވެސް ކުރާނެ ކަމަށް ލަފާކޮށްފައެވެ.

މީގެ އިތުރުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ދިގުދެމިގެންދާތީ، މި އަހަރުގެ ބާކީ ބައިގައި ރާއްޖޭގައި އިތުރަށް ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ލަފާކޮށްފައެވެ.

މިދިޔަ ފެބުރުވަރީ 28ގައި ފެށި އީރާން ހަނގުރާމައާއެކު، އެ ދުވަސްވަރު އެ ސަރަހައްދުގެ ދަތުރުފަތުރު ހުއްޓުމަކަށް އައެވެ. އެއާއެކު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ ރޫޓްތައް ވެސް ބަންދުވެ، ރާއްޖޭގެ އާމްދަނީއަށް އޭގެ ނޭދެވޭ އަސަރުކުރިއެވެ.

އޭގެ ފަހުން ވެސް އެ ސަރަހައްދުގައި ހަމަލާތައް ބަދަލުކުރަމުން އަންނައިރު، ވައިގެ ދަތުރުފަތުރަށް ބުރޫ އެރުމުގެ މައްސަލަތައް ދިމާވަމުންދެއެވެ.