ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މި މަހުގެ 11 ވަނަ ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމުގައި އެ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައިފިއެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އަމީންއާންމު، މޫސާ ފަތުޙީ "ސަން" އަށް ވިދާޅުވި ގޮތުގައި، އެ ހަމަނުޖެހުމުގެ ތެރެއިން ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ ޕީއެންސީން ނަގައި، ލިބުނު ގެއްލުންތަކަށް ބަދަލު ދިނުމަށް ވަނީ އެއްބަސްވެފައިއެވެ. އެގޮތުން ގެއްލުން ލިބުނު ތަންތަން މަރާމާތުކުރުމަށް މިހާރު އެއްބަސްވެ ވާހަކަވެސް ދެކެވިފައިވާ ކަމަށް ފަތުޙީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަމުގެ ޒިންމާ ނަގައި މިހާރު އެފަރާތާ ވާހަކަވެސް ދެކެވބިފައިވާނީ. ގެއްލުން ލިބުނު ތަންތަން މަރާމާތުކޮށްދޭ ގޮތަށް، އެބޭފުޅުން މިހާރު ރިޕޯޓުވެސް ތައްޔާރުކޮށްފަ ވަނީ." ފަތުޙީ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ ރޭގެ އެ ހަމަނުޖެހުުގެ ތެރެއިން ސްކޫލުގެ އެއް ދޮރުފަތުގެ ބިއްލޫރިގަނޑާއި އަދި ސައުންޑް ސިސްޓަމްގެ މިކްސަރުގެ ދެ ބަޓަނަށް ވަނީ ގެއްލުންވެފައިއެވެ.

ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރާ ގޮތުގައި މި ހަމަނުޖެހުން ހިންގީ އެ ޕާޓީގެ މަޖިލިސް މެންބަރަކު ފޮނުވި ގްރޫޕަކުންނެވެ.

ހަމަނުޖެހުމުގެ ތެރެއިން ޕީއެންސީގެ އުމުރުން ދުވަސްވީ މެންބަރަކަށް ޕެނިކް އެޓޭކެއް ޖެހިފައިވާއިރު، އިތުރު ގިނަ މެންބަރުންތަކަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނަށް ހުރަސްއަޅައި، ފުލުހުންގެ ގަޔަށް އަތްލައި ކޮށްޕާ ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ކާމިލު ދީދީ ސްކޫލުގައި ހިނގި މި ހަމަނުޖެހުމުގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.