މިދިޔަ ހަފުތާ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 23 ހާދިސާއަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިނގާފައިވާ ހާދިސާތަކާ ގުޅޭގޮތުން އެ މުއައްސަސާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުގައެވެ.

އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން، އަލިފާނުގެ 12 ހާދިސާއެއް ހިނގާފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ބަލި މީހުން އުފުލުމަށް ކުރިއަށްގެންދިޔަ މެޑިކަލް އިވޭކިއުއޭޝަންގެ ހަތަރު ހާދިސާއަކާއި، ނުރައްކާތެރި މާއްދާއެއް އެކުލެވޭ (ހެޒްމަތް) އެއް ހާދިސާގެ އިތުރުން ރެސްކިއު އޮޕަރޭޝަނެއްގައި އެފްއާރްއެސްއިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެހެނިހެން ބާވަތުގެ އެއް ހާދިސާވެސް މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަމަށާއި، ޖުމުލަ 23 ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ހާދިސާތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޖުމުލަ 16 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން، ސެންޓްރަލް އޭރިއާ ކޮމާންޑާއި ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދަކުން ތިން ހާދިސާއެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނޯދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވަނީ އެއް ހާދިސާގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކުއްލި ނުރައްކަލުގެ މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަންނަނީ ހުއްޓުމެއް ނެތި ރެޔާއި ދުވާލު ހަރަކާތްތެރިވަމުން ކަމަށް އެ މުއައްސަސާއިން ފާހަގަކުރެއެވެ.