ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އަތޮޅުތަކުގައި ގާއިމުކުރާ ހައުސިން ޔުނިޓްތަކުގެ އަގު ކުޑަ ކުރަން ސަރުކާރުން ނިންމައިފި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ރަށްރަށުގައި ގާއިމުކުރާ ހައުސިން ޔުނިޓްތަކަށް މަހު ކުލީގެ ގޮތުގައި ކޮންމެ މަހަކު 4500ރ. ދައްކަން ޖެހޭ ގޮތަށް މިހާރު އޮތް ނަމަވެސް އަލަށް މީހުން އުޅެން ފަށާ ގެތަކުގެ އަގަށް ބަދަލު ގެންނަން ވަނީ ނިންމާފަ އެވެ.

އެގޮތުން 4500ރ. ބަދަލުގައި އެއް ބުރީގެ ގެތަކަށް މަހަކު 2500ރ. އަދި ދެ ބުރީގެ ގެތަކަށް މަހަކު 3000ރ. ދައްކަން ޖެހޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ ޑައުންޕޭމަންޓް ގޮތުގައި ސަރުކާރުން ކަނޑައަޅާ އަގެއް ކުރިއެކޭ އެއްގޮތަށް ދައްކަން ޖެހޭނެ ކަމަށެވެ.

މި ނިންމުމާއެކު އަތޮޅުތަކުގައި ސަރުކާރުން އަޅާ ގެތައް 15 އަހަރުން މިލްކްވާ ގޮތަށް އޮންނަ އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ފަސް އަހަރާއި 10 އަހަރުންވެސް ގެ މިލްކު ކުރެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް އޭރުން ކޮންމެ މަހަކު ދައްކަން ޖެހޭ ފައިސާގެ ރޭޓަށް ބަދަލު އަންނާނެ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ހައުސިން މިނިސްޓްރީން ކުރި ދިރާސާތަކުން ދައްކާ ގޮތުން މިހާރު ހައުސިން ޔުނިޓްތަކަށް ނަގާ އަގު ކުޑަކޮށްގެން ވެސް އެ ގެތައް އަޅަންދިޔަ ހަރަދުތައް ހޯދާނެ އެވެ.

"އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ބާލާއިރު އެކަން އެއީ ހަގީގަތުގައި ވެސް ރައްޔިތުނަށް ލިބޭ އާމްދަނީއަކުން ކުރެވޭ ކަމަކަށް ވާން އެބަޖެހޭ. އަޅައިދޭ ގެތަކަކީ ރައްޔިތުނަށް ލިބޭ އާމްދަނީއިން އެއަށް ފައިސާ ދައްކައިގެން މިލްކްވާ ވަރުގެ އަގެއްގައި ލިބޭ ގެތަކަށް ވާން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.