ކާޖޮލް އާއި ޝްރެޔަސް ކެމިކަލްގެ ނުރައްކަލާ ދެކޮޅަށް
ކާޖޮލް އާއި ޝްރެޔަސް ކެމިކަލްގެ ނުރައްކަލާ ދެކޮޅަށް

ދެކުނު އިންޑިއާގެ މަގުބޫލު ބަތަލާ ކާޖޮލް އަގަރްވާލް އަދި އެކްޓަރު ޝްރެޔަސް ތަލްޕަޅޭ މުހިއްމު ރޯލްތަކުން ފެންނާނެ ފިލްމު "ދި އިންޑިއާ ސްޓޯރީ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ނުވަތަ ޕެސްޓިސައިޑްގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ހާލަތްތަކުގެ މައްޗަށް ބިނާކޮށް، އެކްޝަނާއި ޑްރާމާ އެކުލެވޭ ގޮތަށް އުފައްދާފައިވާ މި ފިލްމުން އާއްމުންނަށް ވަރަށް މުހިއްމު އިޖުތިމާއީ މެސެޖެއް ރައްދުކޮށްދޭނެ ކަމަށް ފިލްމު ގެނެސްދޭ ޒީ ސްޓޫޑިއޯސް އާއި އެމްއައިޖީ ޕްރޮޑަކްޝަންއިން ވަނީ ބުނެފައެވެ.

މިފެށޭ ހަފްތާގެ ހުކުރު ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތްއިރު ހިންދީ، ޓެލެގޫ އަދި ޓެމިލް ބަހުން ފިލްމު ރިލީޒްކުރަން ވަނީ ނިންމާފައެވެ.

މި ފިލްމުގެ ޓްރެއިލާ ފެށިގެން އަންނަނީ ބައްޕައަކު އޭނާގެ ދަރިފުޅު ކެންސަރު ބަލީގައި މަރުވުމުން ކުރާ ހިތާމައިގެ ވަރަށް ޖަޒުބާތީ މަންޒަރުތަކަކުންނެވެ. އޭގެފަހުން މި ޓްރެއިލާގައި ދަނޑުވެރިކަމަށް ބޭނުންކުރާ ވިހަ ކެމިކަލްތަކަށް ގިނަ ދުވަހު ހުށަހެޅުމުގެ ސަބަބުން އިންސާނާގެ ފުރާނައަށް ހުރި ނުރައްކާތައް ފާހަގަކޮށްފައިވެއެވެ.

ފިލްމު "ދި އިންޑިއާ ސްޓޯރީ"ގެ މަންޒަރެއް--ފޮޓޯ/އިންޑިއާޓީވީ

ދެކުނު އިންޑިއާގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައިވާ ކާޖޮލް "ދި އިންޑިއާ ސްޓޯރީ"ގައި ކުޅެފައިވަނީ ދަނޑުވެރިކަމުގެ ނަމުގައި ބަޔަކު ހިންގަމުން އަންނަ ޖަރީމާތަކުގެ ހަގީގަތް ހާމަކޮށް، އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާ ހިތްވަރުގަދަ ވަކީލެއްގެ ރޯލެވެ.

މި ފިލްމުގެ ޓްރެއިލާ އާއްމުކުރުމަށްފަހު ޑައިރެކްޓަރު ޗެތަން ޑީކޭ ބުނީ، "ދި އިންޑިއާ ސްޓޯރީ" އަކީ ހަމައެކަނި ފިލްމެއް ނޫން ކަމަށާއި، މިއީ މުޖުތަމައުގައި ދެކެވެންޖެހޭ މުހިންމު ވާހަކައެއް ކަމަށެވެ.

ނުރައްކާތެރި އެކި ކަހަލަ ވިހަ މާއްދާތައް ބޭނުންކޮށްގެން ތަރުކާރީ އާއި މޭވާ ހެއްދުމަށްފަހު އާއްމުންނަށް އެ ބާވަތްތައް ވިއްކުމުގެ މައްސަލައަކީ ދުނިޔޭގެ އެތައް ޤައުމަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.