24 Sep 2012, 15:18
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން އެލަވަންސް ދޭއިރު ދިވެހި މުވައްޒަފުންނަށް އެ އެލަވަންސް ނުދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ހަމަހަމަ ކަމާއި ޚިލާފުވުން ނޫން ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ހައި ކޯޓުން އިއްޔެ އެގޮތަށް ހުކުމްކޮށްފައި ވަނީ މޯލްޑިވިއަން އެއާ ޓެކްސީގައި މަސައްކަތް ކުރާ ދިވެހި 24 މުވައްޒަފަކަށް އެކޮމަޑޭޝަން އެލަވަންސް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ބާތިލް ކުރުމަށްފަހު އިއްޔެ ކުރި ހުކުމްގަ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރުގައި ބުނަނީ ބިދޭސީންނަށް އެކޮމޮޑޭޝަން އެލަވަންސް ދިނުމަށް ފަހު ދިވެހިންނަށް ނުދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ހަމަހަމަކާ ޚިލާފުކަމެއް ކަމަށެވެ.
ނަމަވެސް ހައިކޯޓުގެ ހުކުމްގައި ބުނަނީ "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" ގައި ބުނާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނަށް ކެއިން ބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާގޮތަށް ފޯރުކޮށްދިނުމަކީ އެމީހަކަށް ވަޒީފާ ދިން ފަރާތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
އެ ހުކުމްގައި ބުނަނީ ދިވެއްސަކު ވަޒީފާ އަދާކުރަން ނުކުންނައިރު އޭނާއަށް ދިރިއުޅޭނެ ތަނެއް ބޭނުންވަނީ ހަމައެކަނި ވަޒީފާގެ ބޭނުމުގައި ނޫން ކަމަށެވެ. ނަމަވެސް ބިދޭސީން ރާއްޖޭގައި ދިރިއުޅޭތަނެއް ބޭނުންވަނީ ހަމައެކަނި އެމީހުން ރާއްޖޭގައި އަދާކުރާ ވަޒީފާގެ ބޭނުމުގައި ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެހެންކަމުން "ތަފާތުކަމެއް ހުރިބައެއްގެ މެދުގައި" ތަފާތު ކުރުމަކީ ގާނޫނު އަސާސީއާއި ގާނޫނުން މަނާކޮށްފައިވާ ތަފާތު ކުރުން ކަމަށް ބެލެވޭނެ ހަމައެއް ނޫންކަމަށް ވެސް އެ ހުކުމްގައި ވެއެވެ.