ޓެލެވިޒަން ތަރި ޖެނިފާ ކައިވެނިކޮށްފި
ޓެލެވިޒަން ތަރި ޖެނިފާ ކައިވެނިކޮށްފި

އިންޑިއާގެ މަގުބޫލު ޓެލެވިޒަން ބަތަލާ ޖެނިފާ ވިންގެޓް ކައިވެނިކޮށްފިއެވެ.

ޖެނިފާ އާއި ބައިވެރިވާ ވިލިއަމް އިޝްމައީލްގެ ކައިވެނީގެ ބައެއް ފޮޓޯތައް ބަތަލާ ވަނީ އަމިއްލަ އިންސްޓްގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

ޖެނިފާ އާއި ވިލިއަމްގެ ކައިވެނީގެ ވާހަކަތައް މިދިޔަ މަހުތެރޭ ވެސް ދެކެވިފައިވާއިރު ބަތަލާ ވަނީ ކައިވެނީގެ ހެދުން ފަރުމާކުރި ޑިޒައިނަރާ އެކު ނަގާފައިވާ ކުޑަ ވީޑިއޯކޮޅެއްވެސް އާއްމުކޮށްފައެވެ.

ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުން ބަތަލާ ވަނީ ފިރިމީހާ 'ވިލް' ރަސްމީކޮށް ސަޕޯޓަރުންނަށް ތައާރަފްކޮށްދީފި ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުގައި ބޭއްވި މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެފައި ވަނީ ޖެނިފާ އާއި ވިލިއަމްގެ އާއިލާގެ މެމްބަރުންގެ އިތުރުން ގާތް ރަހްމަތްތެރިން އެކަންޏެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ ވިލިއަމް އަކީ، ސިންގަޕޫރުގައި ދިރިއުޅޭ ވިޔަފާރިވެރިއެކެވެ.

ބަތަލާ ޖެނިފާގެ ކައިވެނީގެ ހެދުން ފަރުމާކުރި ޑިޒައިނަރާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އުމުރުން 41 އަހަރުގެ ބަތަލާ ޖެނިފާގެ މިއީ ދެވަނަ ކައިވެންޏެވެ. ޖެނިފާގެ ފުރަތަމަ ފިރިމީހާ އަކީ ބަތަލާއާ އެކު ޓެލެވިޒަން ޑްރާމާތަކުގައި ދިގު މުއްދަތެއް ވަންދެން މަސައްކަތްކުރި އެކްޓަރު ކަރަން ސިންގް ގްރޯވަރުއެވެ. ޖެނިފާ އާއި ކަރަންގެ ކައިވެނި ކުރެވުނީ 2012 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ދެ އަހަރުފަހުން އެ ކައިވެނި ރޫޅާލިކަން ދެ ތަރިން އިއުލާނުކުރިއެވެ.

ޖެނިފާގެ މަގުބޫލު ޑްރާމާ ސީރީޒްތަކުގެތެރޭ ސޮނީ ޓެލެވިޒަންއިން ގެނެސްދިން "ބޭހަދު"، "ދިލް މިލް ގަޔޭ" އަދި "ބޭޕަނާ" ހިމެނެއެވެ. ޖެނިފާ ކުޅުނު ބައެއް ފިލްމުތަކުގެތެރޭ، ޑައިރެކްޓަރު ކުނާލް ކޯލީގެ ފިލްމު "ޕިރް ސޭ" އަދި "ލައިފް ރިބޫޓް ނެހީ ހޯތީ" ހިމެނެއެވެ.