24 Sep 2012, 15:08
މަޖީދީމަގުގައި ހުންނަ ހ. ހީނާމާގޭ ގޯތިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައި ޗައިނާ އެމްބަސީ އަޅަން ހައުސިން މިނިސްޓްރީން ދީފި އެވެ.
ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިން ޗައިނާ އެމްބަސީއަށް ދޭއިރު މީގެކުރިން އެ ބިމުގައި ޕާކިންއަކާއެކު ޝޮޕިން މޯލެއް އަޅަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާ މާލޭގެ މޭޔަރު މައިޒާން އަލިމަނިކަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ޗައިނާއަކީ ރާއްޖެއަަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމަށްވާތީ ރާއްޖޭގައި ޗައިނާ އެމްބަސީއެއް އަޅަން މާލެ އިން ބިމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިމަހުގެ 28 ގައި އެދިފައިވާ ކަމަށެވެ. އަދި އެ އެމްބަސީ ގާއިމްކުރުމަށްޓަކައި މާލޭގެ 87 ނަންބަރު ކޮށިން (ހިނާމާގެ) 3920 އަކަފޫޓުގެ ބިން އެ އެމްބަސީއަށް ދޭން ކަނޑައަޅާފައިވާ ކަމަށެވެ.
ކުރިން ސިނަމާއެއް ހިންގި 7000 އަކަފޫޓަށްވުރެ ބޮޑު ހީނާމާގޭ ބިމުގެ ބައެއް ފޮރިން މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމަށްފަހު އެކަން އެމިނިސްޓްރީއަށް އެންގުމަށް ވެސް ވަނީ އެސިޓީގައި އެދިފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ވެހިކަލް ޕާކް ކުރުމުގެ މައްސަލައަށް ހައްލެއް ހޯދަން ކައުންސިލުން މިނިސްޓްރީއާއެކު މަޝްވަރާ ފަށައިފައިވާއިރު އެކަން ކުރަން ދެފަރާތުން އެެއްބަސްވެގެން ކަނޑައެޅި ބިންތަކުގެތެރޭ ހީނާމާގެ ވެސް ހިމެނޭ ކަމަށެވެ.
"ޗައިނާ އެމްބަސީއަށް ބިމެއް ދިނުމަކުން އެއްވެސް މައްސަލައެއް ނެތް. ނަމަވެސް ހީނާމާގޭ ބިން ދިނުމާ މެދު އެ މަޝްވަރާތަކުގައި ވެސް ކައުންސިލުން ވަނީ ދެކޮޅުހަދައިފައި. ހީނާމާގެ ހުރި ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން އެންމެ ފަހުން ހައުސިން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގަ ވެސް މަޝްވަރާކުރެވެނު. އަނެއްކޮޅުން ލޭންޑް ޔޫސް ޕްލޭންތައް ހެދުމަށް ކޮމިޓީއެއް އެކުލަވާލައިފައި ވަނިކޮށް، ކޮމިޓީން އެކަމާ ގޮތެއް ވެސް ނުނިންމައި އުޅެނިކޮށް، ކުއްލިއަކަށް އެ ބިން ފޮރިން މިނިސްޓްރީގެ ނަމަށް ރަޖިސްްޓްރީކޮށްދެއްވުމަށް މިއެންގެވީ، އެތަނުގައި ޝޮޕިންމޯލަކާ އެކު ޕާކިންއެއް ހެދުން މާ ފައިދާ ބޮޑު،" ޝުޖާއު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްުޒު މިއަދު ވިދާޅުވީ އެ ބިމުގައި ޗައިނާގެ އެމްބަސީ އަޅަން ނިންމާފައިވަނީ ލޭންޑް ޔޫސް ޕްލޭން ކުރުމަށް އެކުލަވާލި ކޮމިޓީއަށް އެޖެންޑާކުރެވި ސިޓީ ކައުންސިލުން ވެސް އެކަމަށް މިދިޔަ ހަފުތާގައި އެއްބަސްވުމުން ކަމަށާއި އެބިމުގެ ބާކީ ބައި ބޭނުން ކުރާނެ ގޮތެއް ނިންމާނީ ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްގެން ކަމަށެވެ.
"އެއްބަސްވެގެން އެތަން ޗައިނާގެ އެމްބަސީއަށް ދިނުމަށް ނިންމީ. އަޅުގަނޑުމެން މަޝްވަރާކުރިން އެތަނުގައި ޕާކިން އެއް ހެދުމާ ބެހޭ ގޮތުން. އޭރު އަޅުގަނޑު ދެންނެވި އެއީ އެކަހަލަ ކަމަކަށް އެންމެ އެކަށީގެންވާ ތަނެއް ނޫނޭ. އެސަރަހައްދަކީ މާޖީދީ މަގުގެ އެންމެ ބާރު ބޮޑު ސަރަހައްދޭ. އެތަނުގައި ކިހިނެއްތޯ ޕާކިންނެއް ހަދާނީ، ނަމަވެސް އަޅުގަނޑުވެސް އެއްބަސްވިން އެކަމާ މަޝްވަރާކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ހަގީގަތާ ހިލާފަށް، ކަންތައް ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާތީ ހިތާމަކުރައްވާ ކަމަށާއި މަޝްވަރާ ކުރިއަސް އެއާ އެއްގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ. އަދި ވިދާޅުވި އެވެ: " އެއްބާރުލުން ދިނުމަކީ ދެފަރާތުން ވާހަކަދައްކައިގެން ވާހަކަތަކާ އެއްގޮތަށް އަމަލުވެސް ކުރުން. ނަމަވެސް މަޝްވަރާކުރުން އެއީ ނިވާފަތްގަނޑަކަށް ހަދައިގެން އެބޭފުޅުން އެގެންދަވަނީ ހަމަކުރިއެކޭ ވެސް އެއްގޮތަށް މަސައްކަތް ކުރުމަށް، އަޅުގަނޑު އަދިވެސް މިއުއްމީދު ކުރަނީ މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށް ގެންދެވޭނެއޭ،"
މާލެއަށް ދިމާވެފައިވާ ވެހިކަލް ޕާކް ކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލޭގެ ތިން ސަރަހައްދެއްގައި ޕާކިން ހަދަން މާލޭ ސިޓީ ކައުންސިލުން ވަނީ ކުރިން ނިންމައިފަ އެވެ. އެ ތިން ބިމުގެ ތެރޭގައި ހިނާމާގޭ ހުސްބިމުގެ އިތުރުން ގަލޮޅު އަވަށު އޮފީސް އިމާރާތް ހުރި ބިމާއި ބިއްލޫރިޖެހިގެ ހުރި ބިން ހިމެނެ އެވެ.