ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާރުގެ ވިޔަފާރިކުރާ ކާޓިއުންސް އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސްގެ ނަމުގައި ގެނެސްފައިވާ ބޭނުންކޮށްފައިވާ މާސިޑީޒް ބެންޒް ކާރުގެ އަގު ފާސްކުރުމަށްޓަކައި އެކުންފުނީގެ ފަރާތުން ކަސްޓަމްސް އަށް ހުށަހެޅި ލިޔުންތައް އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ އިސްވެރިޔާ އިބްރާހިމް ޝާފިއުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.


އެންޓި ކޮރަޕްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކާޓިއުންސް އިން ކަސްޓަމްސް އަށް ހުށަހެޅި އެ ލިޔުންތައް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވިގެން ކަސްޓަމްސްގެ އިންވެސްޓިގޭޝަން އެންޑް ޕްރޮސެކިއުޝުން އެމައްސަލަ ބަލައި ނިންމާފައިވަނިކޮށް އެމައްސަލާގައި ކަސްޓަމްސުން އަމަލްކޮށްފައިވާ ގޮތް ޤަބޫލްނުކުރެވޭތީ، އެމައްސަލަ ބަލަދިނުމަށް އެދި ކަސްޓަމްސުން ހުށަހެޅުމުން އެކޮމިޝަނުން އެމައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އެކޮމިޝަނުން އެމައްސަލަ ބެލިއިރު އެ ކާރުގެ އަގު ކާޓިއުންސްގެ ފަރާތުން ކަސްޓަމްސް އަށް ހުށަހަޅާފައި ވަނީ ހަމައަގަށްވުރެ ދަށްކޮށްކަން ކަސްޓަމްސްގެ ފަރާތުން ކުރި ތަހްޤީޤަށް ސާބިތުވެފައިވާ ކަމަށް އެމައްސަލަ ތަހްޤީޤް ކުރި އޮފިސަރުންގެ އިންވެސްޓީގޭޝަން އެންޑް ޕްރޮސެކިއުޝަން ސެކްޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެ ސެކްޝަންގެ އިސްވެރިޔާއަށް އެ ލާފާދީފައިވަނިކޮށް، މައްސަލަ ތަހްގީގުކުރެއްވި އޮފިސަރުން ދެއްވާފައިވާ ލަފާޔާއި އާއްމުކޮށް މިފަދަ މައްސަލަތައް ނިންމުމުގައި އަމަލްކުރަމުން އަންނަ އުސޫލާއި ދިވެހި ރާއްޖޭގައި އިންޕޯޓް އެކްސްޕޯޓްކުރުމުގެ ޤާނޫނާއި ހިލާފަށް ކަސްޓަމްސްގެ އިންވެސްޓިގޭޝަން އެންޑް ޕްރޮސެކިއުޝަން ސެކްޝަންގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ހ.ގޯނި ޑިރެކްޓަރު ފާތިހް އަލީ ކާޓިއުންސް އިންޓަނޭޝަނަލް ޖޫރިމަނާނުކޮށް މިމައްސަލަ ނިންމާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ އެ ނޫސްބަޔާނުގައިވެ އެވެ.


އެންޓި ކޮރަޕްޝަނުން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ އެ މައްސަލާގައި އަދި ބުނެފައިވަނީ ކާޓިއުންސް އިން ކަސްޓަމްސް އަށް އަގު ދަށްކޮށް ހުށަހަޅާފައިވާ އެކާރުގެ މައްސަލަ ކަސްޓަމްސުން ނިންމާފައި ވަނީ އޭރުގެ ކަސްޓަމްސްގެ ވެރިއަކަށް ހުންނެވި އިބްރާހިމް ޝަފީއުގެ މަޝްވަރާގެ މަތިން ކަމަށް އެކޮމިޝަނަށް ފާހަގަކުރެވޭ ކަމަށްވެސް އެނޫސްބަޔާނުގައިވެ އެވެ.  


ހަމަ އެހެންމެ އެމައްސަލާގައި ކަސްޓަމްސްގެ ޑިރެކްޓަރ ފާތިހު އަލީވެސް ބައިވެރިވެފައިވާ ކަމަށް ބެލެވޭތީ ކޮރަޕްޝަން ހުއްޓުވުމާ މާނާކުރުމުގެ ޤާނޫނުގެ ދަށުން އެ ދެ ބޭފުޅުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ މަހުގެ 30 ވަނަ ދުވަހުގައި ހުށަހަޅާފައިވާ ކަމަށާއި އަދި ކާޓިއުންސް އިންޓަނޭޝަނަލް ޖޫރުމަނާ ނުކުރުމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބިވާތީ އެފައިސާ އިބްރާހިމް ޝާފިއުއާއި ފާތިހު އަލީގެ ފަރާތުން ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ސެޕްޓެންބަރު އެއް ވަނަ ދުވަހު  އެމައްސަލަ ވެސް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށްވެސް އޭސީސީން ބުނެ އެވެ.