18 Jul 2026, 15:44

އެޕަލްއިން މި އަހަރުގެ ސެޕްޓެމްބަރު މަހު ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ އައިފޯން 18 ސީރީޒްގައި، ކެމެރާގެ ދާއިރާއިން ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ލީކުވެފައިވާ އިންޓާނަލް ޑައިގްނޯސްޓިކްސް ލޮގަކުން އެނގޭ ގޮތުގައި، އައިފޯން 18 ޕްރޯ މެކްސް ވާނީ އެޕަލްގެ ފުރަތަމަ ސްމާޓްފޯނަށް ވެރިއަބަލް އެޕާޗާ ޓެކްނޮލޮޖީ ބޭނުންކުރާ ފޯނަށެވެ.
މި ޓެކްނޮލޮޖީގެ ސަބަބުން ކެމެރާއަށް ވަންނަ އަލީގެ މިންވަރު ކޮންޓްރޯލްކޮށް، ފޮޓޯތަކުގެ ޑެޕްތް އޮފް ފީލްޑާއި އެކްސްޕޯޝާއަށް އިތުރު ފުރިހަމަކަމެއް ގެނެވޭނެއެވެ.
މި ބަދަލުތަކުގެ ތެރޭގައި މިހާރު އައިފޯން 17 ޕްރޯ މެކްސްގައި ބޭނުންކުރާ ސޮނީ އައިއެމްއެކްސް903 ސެންސަރުގެ ބަދަލުގައި އައު ސޮނީ އައިއެމްއެކްސް905 ސެންސަރެއް ހިމެނުން ހިމެނެއެވެ.
އެންޑްރޮއިޑްގެ ބައެއް ފޯނުތަކުގައި ކުރިން މި ޓެކްނޮލޮޖީ ބޭނުންކޮށްފައިވީ ނަމަވެސް، އެޕަލްއިން މި ފަހަރު މި ޓެކްނޮލޮޖީ ގެނެސްދެނީ ޚާއްސަ ހާޑްވެއާ އެކްޗުއޭޓަރެއްގެ އެހީގައެވެ. މި ހާޑްވެއާ އަކީ ލެންސްގެ އެޕާޗާ ފިޒިކަލީ އެޖެސްޓް ކުރުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ.

އައިފޯން 18 ޕްރޯ މެކްސް ކެމެރާ ލީކް: ސޮނީ އައިއެމްއެކްސް905 ސެންސަރާއި ވެރިއޭބަލް އެޕާޗާ ---
ފޯނުގެ އެހެނިހެން ކެމެރާތަކަށް ބަލާއިރު، ޓެލެފޮޓޯ އަދި އަލްޓްރާ-ވައިޑް ކެމެރާތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ނުބެލެވެއެވެ. އަދި އައިފޯން 18 ޕްރޯ މެކްސްގައި އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން (އޯއައިއެސް) ފުރިހަމަ ކުރުމަށް ތްރީ-އެކްސިސް ސްފެރިކަލް އެކްޗުއޭޓަރެއް ހިމެނުމަށްވެސް އެޕަލްއިން ދަނީ ތައްޔާރުވަމުންނެވެ.
އައިފޯން 18 ޕްރޯ މެކްސްގެ ކެމެރާ ސިސްޓަމަށް ގެންނަން ނިންމާފައިވާ މި ބަދަލަކީ ފޯނުތަކުގެ ފޮޓޯގްރަފީގެ ދާއިރާގައި ފާހަގަކޮށްލެވޭނެ މުހިންމު ކުރިއެރުމެކެވެ. އާންމުކޮށް ސްމާޓްފޯންތަކުގައި ހުންނަނީ ފިކްސްޑް އެޕާޗާއެއް ކަމުން، އަލި ކޮންޓްރޯލް ކުރުމަށް ސޮފްޓްވެއާގެ އެހީތެރިކަން ބޮޑަށް ބޭނުންވެއެވެ. ނަމަވެސް، ވޭރިއަބަލް އެޕާޗާ ޓެކްނޮލޮޖީގެ ސަބަބުން ކެމެރާގެ ލެންސްގެ ފިޒިކަލް އެޕާޗާ ބަދަލުކޮށް، ފޮޓޯ ނަގާ މާހައުލުގައި ހުންނަ އަލީގެ މިންވަރާ އެއްގޮތަށް އަލި އެތެރެކުރެވޭނެއެވެ.
މީގެ އިތުރުން، ފަހަތް ފުސްކޮށްދޭ 'ނެޗުރަލް ބޮކޭ' އުފެއްދުމަށާއި، ތަފާތު ލައިޓިން ކޮންޑިޝަންތަކުގައި ފޮޓޯގެ ސާފުކަން އިތުރުކުރުމަށް މި ޓެކްނޮލޮޖީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.