މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.16 މިލިއަނަށް އަރައިފައިވާއިރު، އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 4.8 ޕަސެންޓްގެ ދަށްވުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަންގާރައިގެ ނިޔަލަށް އަންމުކޮށްފައިވާ ވީކްލީ އަޕްޑޭޓްއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1.21 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރޭގައި ކުރޫޒްތަކުން އައި 15،577 ފަތުރުވެރިން ވެސް ހިމެނެއެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 5،893ގައި ކަމަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 6،192އަށް އަރައިފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތްވަނީ:

  • ޗައިނާ: 190،016 ފަތުރުވެރިން

  • ރަޝިއާ: 164،067 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 91،574 ފަތުރުވެރިން
  • އިޓަލީ: 76،549 ފަތުރުވެރިން
  • ޖަރުމަނު: 71،238 ފަތުރުވެރިން
  • އިންޑިއާ: 67،687 ފަތުރުވެރިން

އެ ފަތުރުވެރިންގެ ތެރެއިން 72.6 ޕަސެންޓް ގޮސްފައިވަނީ ރިސޯޓުތަކަށް ކަމަށްވާއިރު، 22.9 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށްވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ނަމަވެސް އެ ދެ އެއާޕޯޓަށް ގޮސްފައިވާ ފަތުރުވެރިންގެ އަދަދުގައި ބޮޑު ފަރަގެއް އޮތްކަން ފާހަގަވެއެވެ. އެގޮތުން ވެލާނާ އެއާޕޯޓަށް 1.13 މިލުއަން ފަތުރުވެރިން އައިއިރު، ގަން އެއާޕޯޓަށް ދިޔައީ 4،304 ފަތުރުވެރިންނެވެ.

މި ދުވަސްވަރަކީ ފަތުރުވެރިން ރާއްޖެއަށް މަދުން އަންނަ ދުވަސްވަރެވެ. މީގެ އިތުރުން، މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ. އޭގެ ސަބަބުން ސިނާއަތަށް ގެއްލުންވެ، ގައުމަށް ޑޮލަރު ލިބޭ މިންވަރު ވެސް އަންނަނީ މަދުވަމުންނެވެ.

އެ ހަނގުރާމައިގެ ސަބަބުން، މިދިޔަ މާރިޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު 20.7 ޕަސެންޓް ދަށްވެފައެވެ. އޭޕްރިލް މަހު ވެސް ފަތުރުވެރިންގެ އަދަދު 24.4 ޕަސެންޓް ދަށްވިއިރު، މިދިޔަ މެއި މަހު 1.7 ޕަސެންޓްގެ ކުޑަ އިތުރުވުމެއް ފެނިފައިވެއެވެ. ނަމަވެސް ޖޫން މަހު އަނެއްކާވެސް އެ އަދަދު ވަނީ 12 ޕަސެންޓް ދަށްވެފައެވެ.