18 Jul 2026, 09:22
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިކް 2026 ގެ ޗެމްޕިއަންކަން ކުލަބު ބިނާރާއިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ބިނާރާއިން ހޯދީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ) އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި މެޗުގައި ބިނާރާގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ރުވާއު، އިސްމާޢީލް އަޒުހާން އަދި އަބްދުالله ނާހިލެވެ.
ކްރިމިނަލް ކޯޓުގެ މުޙައްމަދު ހައްސާން އަޙްމަދު ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ލަނޑު ޖަހައިދިނީ ޔައިޝް މުސްތަފާއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމާއެކު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ބިނާރާ ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
ކްރިމިނަލް ކޯޓުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އެއީ އާދަމް މާއިން ނަސީރު، މުޙައްމަދު ޝާއިފް ޝާމިރު އަދި އަލީ ޝާޒް ހިލްމީގެ ޕެނަލްޓީތަކެވެ. އެ ޓީމަށް ކާމިޔާބުކުރެވުނީ ހައްސާން ފޮނުވާލި ޕެނަލްޓީ އެކަންޏެވެ.
އޭގެ ބަދަލުގައި ބިނާރާއިން ޖެހި ތިން ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. މި ޕެނަލްޓީތައް ފޮނުވާލީ އަޒުހާން، މުޙައްމަދު މިންވާލް އަދި އަޙްމަދު ރުވާއުއެވެ.
ފައިނަލް މެޗަށްފަހު ޗެމްޕިއަންކަން ހޯދި ބިނާރާއަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ، މި މެޗުގެ ޝަރަފުވެރި މެހުމާން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ.
މި މޮޅާއެކު މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ބިނާރާއިން ހޯދިއިރު، މިދިޔަ އަހަރުގެ ފައިނަލުގައިވެސް އެ ޓީމު ވަނީ ވާދަކޮށްފައެވެ. އެކަމަކު މިދިޔަ އަހަރުގެ ފައިނަލުން ބިނާރާ ބަލިވީ ޓީމު އެޗްޕީއެސްއެން އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
މި އަހަރުގެ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވަނީ ވާދަކޮށްފައެވެ.