24 Sep 2012, 14:29
ހއ. ބާރަށު ކައުންސިލް އިދާރާގެ އެކައުންޓް ފްރީޒް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައްޗަށް އެރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
ކައުންސިލްގެ އެކައުންޓް ފްރީޒް ކުރުމަށްފަހު އެ އެކައުންޓް ބަލައި ޗެކްކޮށް އެކައުންޓް ނަންބަރާއި އެކައުންޓުގައި ހުރި ފައިސާގެ ތަފްސީލު ފޮނުވުމަށް ވެސް ބީއެމްއެލްގެ މައްޗަށް އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
ބާރަށު ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ އެރަށު ރެހެންދި މޫވްމެންޓް ޖަމްއިއްޔާއަށް އެރަށު ކައުންސިލުން ދޭންޖެހި ނުދީވާ ފައިސާތަކެއް ދިނުމަށް ރަށު ކައުންސިލްގެ މައްޗަށް އެރަށު ކޯޓުން ކުރި ހުކުމާއި އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމަށް އެޖަމްއިއްޔާ އިން ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.
އެރަށު ކޯޓުން މިދިޔަ ޑިސެމްބަރު ހަތް ވަނަ ދުވަހު ކައުންސިލްގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން އެރަށުގައި ކަރަންޓްގެ ޚިދުމަތް ދިން ދެ ކުންފުނީގެ ތެރޭގައި ރެހެންދި މޫވްމެންޓް ހިމެނޭކަމަށެވެ.
އަދި ކަރަންޓްގެ ޚިދުމަތް ދިން ދެ ކުންފުންޏަށް ސަބްސިޑީގެ ގޮތުގައި ސަރުކަރުން ދިން ފައިސާގެ ތެރެއިން ރެހެންދި މޫވްމަންޓަށް ލިބިފައިވާ 107،499ރ. ގެ އިތުރަށް ކައުންސިލުން އެޖަމްއިއްޔާއަށް ދޭންޖެހޭ 161،191ރ. 20 ދުވަހުގެ ތެރޭގައި ދިނުމަށް ކައުންސިލްގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.