ފެބްރުއަރީ އަށް ވަނަ ދުހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި 87 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވި މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ މައްސަލަ އަނބުރާ މިއަދު ފޮނުވާލީ ދައުވާ ފޯމްތަކާއި ދައުވާ ލިބޭ މީހުންގެ ވަނަވަރު ބަޔާންކޮށްދޭ ލިޔުންތަކާއި ތަހުގީގު ބަޔާންތަކުގައިވާ މައުލޫމާތު ދިމާނުވާތީ ކަމަށެވެ.

"މައުލޫމާތު ތައް ޗެކްކުރި އިރު ދައުވާ ފޯމްތަކާއި، ދައުވާ ލިބޭ ފަރާތްތަކުގެ ވަނަވަރު ބަޔާންކޮށްދޭ ލިޔުންތަކާއި ތަހުގީގު ބަޔާންތަކުގައިވާ މައުލޫމާތުތައް ދިމާނުވާތީ އެ މައްސަލަ އަނބުރާ މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި،" މަނިކު ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް މިހަރު ޗެކްކުރަމުންދާ ކަމަށާއި ޗެކްކޮށް ނިމުމުން އަލުން މައްސަލަ ކޯޓަށް ފޮނުވާނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެ 87 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ނިންމާފައި ވަނީ ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތާނގެ ވެހިކަލްތަކާއި ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައާ ގުޅިގެން ކަމަށެވެ. އެ މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ހަަތަރު ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކުރަން ނިންމާފައިވާކަމަށާއި ނަމަވެސް އެ މައްސަލަ އަދި ކޯޓަށް ހުށަހަޅާފައި ނުވާކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.