24 Sep 2012, 13:35
ހައްޖަށް މީހުން ގެންދަން ގައުމުތަކަށް ސައުދީ ސަރުކާރުން ދޫކޮށްފައިވާ ރަސްމީ ކޯޓާގެ އިތުރުން ކޮންމެ އަހަރަކު ދޭ އިތުރު ކޯޓާ މިއަހަރު އެއްވެސް ގައުމަކަށް ސައުދީ ސަރުކާރުން ދޫކޮށްފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ނޫސްވެރިންގެ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ އެހެން އަހަރުތަކުގައި ދޫކުރާ އިތުރު ކޯޓާ ސައުދީ ސަރުކާރުން އެއްވެސް ގައުމަކަށް މިއަހަރު ދޫ ނުކުރީ މައްކާގެ ހަރަމްފުޅު ބޮޑު ކުރުމަށްޓަކައި ގިނަ ހޮޓާތަކެއް ތަޅާލައިލުމުން ޖާގައިގެ ދަތިކަން ދިމާވެގެން ކަމަށެވެ.
"ހަރަމްފުޅު ވަރަށް ބޮޑަށް ބޮޑު ކުރަންވެގެން ހަރަމް ވަށައިގެން ހުރި ވަރަށް ގިނަ ހޮޓާތަކެއް ވަނީ ތަޅާލާފައި، މައްކާގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑުކޮށް އޮތީ. މިފަދަ ދަތިތައް ހުރުމާއެކުގައި ސައުދީ ސަރުކާރުން އެއްވެސް ގައުމަކަށް އިތުރު ކޯޓާ އެއް ނުދޭ، ހަމަ އެއްވެސް ގައުމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިތުރު ކޯޓާ ހަމަ ނުޖެހުނީ އިސްލާމިކް މިނިސްޓްރީގެ އިހްމާލުން ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"ބައެއް މީހުންނަށް ވިސްނެނީ މިއީ ރާއްޖޭ އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ އިހްމާލުން ވެފައިވާ ކަމެއް ކަމަށް. އެކަމު ހަގީގަތަކީ އެ އެއް ނޫން. ހަގީގަތަކީ ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް ސައުދީ ސަރުކާރުން އިތުރު އެއްވެސް ކޯޓާއެއް ނުދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއިން މީހުން މިއަހަރު ހައްޖަށް ގެންދަން ސައުދީ ސަރުކާރާއިއެކު އެއްބަސްވުމުގައި ސޮއި ކުރި ދުވަހުން ފެށިގެން މިނިސްޓްރީން އިތުރު ކޯޓާ ހޯދަން މަސައްކަތް ކުރި ކަމަށާއި މިހާރުވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ މަސައްކަތް ކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ރަސްމީ ކޯޓާ އަކީ 2000 ކަމުގައި ހަމަ ޖައްސަން މަސައްކަތް ވަނީ މަސައްކަތް ފަށައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ކޯޓާ ދޫކޮށްފައިނުވާ އެކި ގުރޫޕްތަކުން މިއަހަރު ވެސް މީހުންގެ އަތުން ފައިސާ ނަގާފައިވާތީ އެ ފައިސާ އަނބުރާ އެމީހުނަށް ހޯދައި ދިނުމަށް އިސްލާމިކް މިނިސްޓްރީ ކުރެވެން ހުރި މަސައްކަތް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ގައުމުތަކަށް ލިބިފައި ހުންނަ ކޯޓާތައް ހޯދައިގެން ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަކީ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެއީ އުސޫލްތަކާއި ހިލާފަށް ކުރާ ކަމެއް. އަޅުގަނޑުމެނަށް ހައްޖަށް ދާންއުޅޭ މީހެއްގެ މަގަށް ހުރަހެއް ނޭޅޭނެ. އެހެން ނަމަވެސް ދުނިޔޭގެ ނިޒާމް ދެމެހެއްޓެމަށްޓަކައި ހަދާފައި ހުންނަ މިންގަނޑުތަކާއި އުސުލޫތަކަށް ހުރިހާ ގައުމަކުން ތަބާ ވާންޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.