24 Sep 2012, 12:55
ބޭރު ގައުމުތަކަށް ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެގައުމުތަކުގެ މީޑިއާތަކަށް ދެއްވަވާ ގިނަ އިންޓަވިއުތަކެއްގައި ވިދާޅުވާ އެއް ވާހަކައެއް އޮވެ އެވެ. އެއީ ރާއްޖޭގައި ހަރުކަށި ހިޔާލު ނުވަތަ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކު ތިބި ވާހަކައާއި އެފަދަ މީހުންގެ ކިބައިން ރާއްޖެއަށް ނުރައްކަލާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ އެވެ. މެދުކެނޑުމަކަށްފަހު ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެން އެމަނިކުފާނު ވަނީ އަނެއްކާވެސް އެވާހަކަތައް އާކުރައްވާފަ އެވެ. ހަގީގަތުގައި ވެސް ރައީސް ނަޝީދު އެވިދާޅުވާފަދަ "ހަރުކަށި ހައްދު ފަހަނަ އަޅައިފައިވާ މީހުން" ރާއްޖޭގައި ހަމަ އުޅޭ ހެއްޔެވެ؟ އެވާހަކަތަކުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއްވާ ވޭހެއްޔެވެ؟ ވަރަށް ގިނަ ބަޔަކު ގަބޫލު ކުރަނީ އޭގައި ފޮރުވިވާ ކަންތައްތަކެއްވާ ކަމަށެވެ.
ރައީސް ނަޝީދު މިހާރު އިނގިރޭސިވިލާތަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިހާތަށް އެންމެ ބޮޑަށް މީޑިއާތަކުގައި ބާރު އަޅުއްވާފައިވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫފް (ސީމެގް) ގެ އެޖެންޑާއިން ރާއްޖެ ނެގުމާ ދެކޮޅަށެވެ. އެވާހަކަތަކުގެ ތެރެއިން ކުރި ފަޅައިގެން އައީ ރާއްޖޭގައި ދީނީ ހަރުކަށި ހިޔާލުގެ މީހުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަތަކެވެ. "އަޅުގަނޑަކަށް ނޭނގޭ އެމީހުން މިހާތަނަށް ރާއްޖޭގައި ތަނެއް ގޮއްވާލާފައި ނުވަނީ ކީއްވެ ކަމެއް؟" ރައީސް ނަޝީދު ސުވާލު އުފައްދަވަ އެވެ.
"މިހާރު އެމީހުން ވިސްނަމުން ދަނީ ކަންނޭނގެ ރާއްޖޭގައި ކަމެއް ކުރުމަކީ ސްޓްރެޓެޖިކް ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށް. ވެދާނެ އެމީހުން އަޅުގަނޑުމެންގެ ގައުމީ އެކައުންޓްތައް ބޭނުން ކުރަނީ ކަމަށް، ވެދާނެ އެމީހުން އަޅުގަނޑުމެންގެ ބޭންކްތައް ބޭނުން ކުރަނީ ކަމަށްވެސް. ވެދާނެ އެތަނަކީ [ރާއްޖެއަކީ] މީހުން ރެކްރޫޓް ކުރަން ރަނގަޅު ތަނަކަށް ވަނީ ކަމަށް [ވެސް]،" ދަ އިންޑިޕެންޑެންޓްގައި ރައީސް ނަޝީދާ ހަވާލާ ދެއްވާ ބުނެފައި ވެއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެކި ފަހަރުމަތިން މީޑިޔާގައި ރައްދެއް ދީފަ އެވެ. އެ ވިދާޅުވާ ފަދަ "ހަރުކަށި މުސްލިމުން" ރާއްޖޭގައި ނެތް ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެ އެވެ. އަދި އަލްގައިދާގައި ތިބި ފަދަ "ހަރުކަށި މުސްލިމުން" ގެ ނުފޫޒާ އެކު އަލްގައިދާއިން ރާއްޖޭގައި ހަމަލާއެއް ދިނުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު ޝަހީމް ދެކެވަޑައިގަންނަވަ އެވެ.
ރާއްޖޭގައި ދީނީ ހަރުކަށި މީހުން އުޅޭ ކަމަށާއި ރާއްޖޭގައި އަލްގައިދާގެ މަރުކަޒެއް ހުންނަ ކަމަށް އިންޑިއާގެ އިންޓެލިޖެންސް އެޖެންސީތަކާ ހަވާލާދީ ލަންކާގެ ނޫހަކުން ވެސް ބުންޏެވެ. ނަމަވެސް ރާއްޖޭގެ ސަލާމާތީ ބާރުތަކުން އެވާހަކަ އަބަދުވެސް ދޮގު ކުރެ އެވެ.
މީގެ ކުރިން ވިކިލީކް އިން އާންމު ކުރި ލިޔުންތަކެއްގައި އަލްގައިދާގެ ހަރަކާތްތައް ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގާ ކަމަށް ބުނެ ހަތަރު ދިވެއްސެއްގެ ނަން ހާމަކުރި އެވެ. އަދި އޭގެތެރެއިން އެކަކީ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ލަޝްކަރީ ތޮއިބާ އަށާއި ކަޝްމީރަށް އަސްކަރީ ތަމްރީނުތައް ހޯދުމަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރި ވަމުންގެންދާ އަހުމަދު ޒަކީ ކިޔާ ދިވެއްސެއް ކަމަށް ބުނެފައިވެ އެވެ. އޭގެއިތުރުން ޔޫސުފު އިއްޒުއްދީ އާއި އީސާ އަލީ އާއި ހަސްނައިނު އަބްދުލްހަމީދު ކިޔާ މީހަކު ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަލްގައިދާގެ ހަރަކާތްތައް ހިންގާ ކަމަށް އޭރު ބުންޏެވެ.
މިފަދަ ވާހަކަތަކެއް އެކި ގޮތް ގޮތަކަށް ދެކެވިގެން ދިއުމަކީ އަޑީގައިވާ ސިއްރުތަކެއް ވެދާނެ ކަމަށް ކަމުގައިވާއިރު އެވާހަކަތައް އިރުއިރުކޮޅާ ރައީސް ނަޝީދު ދައްކަވަމުން ގެންދަވަނީ އިހުލާސްތެރި ނިޔަތެއްގައި ކަމާ މެދު ސުވާލުތަކެއް އުފައްދާ ފަރާތްތައް ވެސް މަދެއް ނޫނެވެ.
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ވާހަކަތަކުގައި ރާއްޖޭގައި އަލްގައިދާ ޖަމާއަތުގެ ބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވެ އެފަދަ ވާހަކަތައް ދެއްކެވުމުގެ ބޭނުމަކީ ބޭރު ދުނިޔޭގެ ފަލަ ޝުރުހީތަކަށް އެރުމުގެ އިތުރުން ކޯނީގެ ރިޕޯޓަށްފަހު ސިޔާސީ ގޮތުން ރައީސް ނަޝީދު ދައްކަވާނެ ވާހަކައެއް ނެތިގެން ދައްކަވާ ވާހަކަަތަކެކެވެ. އޭގައި ހަގީގަތެއް ނުވެ އެވެ.
"މިވާހަކަތަކީ އޭގެ ޒާތަށް ބަލާއިރުވެސް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ވާހަކަތަކެއް، މިވަގުތު މިފަދަ ވާހަކަތަކެއް ނަޝީދު އެދެއްކެވީ ސިޔާސީ ގޮތުން އެއްވެސް ކުރިމަގެއް ނުލިބިގެން، ބޭރުގެ ފަރާތްތަކުން ވެސް ނަޝީދު ދައްކަވާ އެވާހަކަފުޅުތަކެއް ސަމާލު ކަމެއް ނުދިނުމުން ކަންތައްތައް ޑްރެމަޓައިޒް ކުރެއްވުމުގެ ގޮތުން،"
ބައެއް ބޭފުޅުން ދެކެވަޑައިގެންނަވާ ގޮތުގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލައަށް ކަމަށް ވެފައި، ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓުގައި ވެސް އެގޮތަށް ބުނެފައިވާއިރު ރައީސް ނައީސް ނަޝީދު ބޭރު ގައުމުތަކުގައި އެމޭރުމުން ދައްކަވާ ވާހަތަކުގެ ސަބަބުން ރާއްޖެ ދުނިޔޭގެ ކުރިމަތީގައި ބޭޒާރުވުން ނޫން ކަމެއް ނުވާ ކަމަށެވެ.