24 Sep 2012, 12:35
އާސެނަލްގައި ތިބި މުހިންމު ކުޅުންތެރިންތަކެއް ޓީމު ދޫކޮށްދިޔަ ނަމަވެސް އަދިވެސް އެޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ރޮބާޓޯ މަންޗީނީ ބުނެފިއެވެ.
ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ދެކޮޅަށް ކުޅެ 1-1 ލަނޑުން އެއްވަރުވި މެޗަށްފަހު ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ލީޑް ލިބުނު ކަމުގައި ވިޔަސް، ޓީމުގެ ކުޅުމާމެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އިދިކޮޅަށް ނިކުތް އާސެނަލްއަކީ ލީގުގައި ވާދަކުރާ ވަރުގަދަ ޓީމެއް ކަމަށާއި ޕޮއިންޓަކުން ފުއްދާލަން ޖެހުމަކީ ވެސް ޓީމަށް ލިބުނު ހިތްވަރެއް ކަމަށް މަންޗިނީ ބުންޏެވެ.
މަންޗިނީ ބުނީ، އާސެނަލް އަކީ ލީގުގައި ވާދަކުރާ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށާއި އެޓީމުގައި ތިމި ކުޅުންތެރިންނަނީ ވެސް މޮޅެތި ކުޅުންތެރިން ކަމަށެވެ.
"އާސެނަލްގައި ތިބި މުހިންމު ކުޅުންތެރިންތަކެއް ވިއްކާލާފައިވީ ނަމަވެސް ވެންގާ އެކްލަބަށް ގެނެސްފައިވަނީ ތަޖުރިބާ ހުރި ހުނަރުވެރި މޮޅު ކުޅުންތެރިން. އެހެންކަމުން އެޓީމަކީ އަދިވެސް ވަރުގަދަ ޓީމެއް" މަންޗީނީ ބުންޏެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ސިޓީން ނެގީ މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ. އެއލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ އިންގްލޭންޑުގެ ޑިފެންޑަރު ލެސްކޮޓެވެ. އަދި އާސެނަލްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ލަޔުރެންޓެވެ.
ރޭގެ މެޗުން ދެ ޓީމް އެއްވަރުވެ، ކޮންމެ ޓީމަކަށް ވެސް ޕޮއިންޓެއް ލިބުނު އިރު، ލީގުގައި އާސެނަލް އޮތީ ނުވަ ޕޮއިންޓާއެކު ފަސް ވަނައިގައެވެ. އަދި މެންޗެސްޓާ ސިޓީ އޮތީ ނުވަ ޕޮއިންޓާއެކު ހަތް ވަނާގައެވެ. އެހެން ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ އާސެނަލްއެވެ.