ވިޖޭގެ ވަދާއީ ފިލްމު މި އަންނަ ބުރާސްފަތި ދުވަހު ސިނަމާތަކަށް
ވިޖޭގެ ވަދާއީ ފިލްމު މި އަންނަ ބުރާސްފަތި ދުވަހު ސިނަމާތަކަށް

އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމާ ދާދިފަހުން ހަވާލުވި ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ތަލަޕަތީ ވިޖޭގެ ވަދާއީ ފިލްމު "ޖަނަ ނަޔަގަން" ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ.

ފިލްމު ގެނެސްދޭ ކޭވީއެން ޕްރޮޑަކްޝަނުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވަރަށް ގިނަ އިމްތިހާނުތަކަކަށްފަހު ފިލްމު ބެލުންތެރިންނާ ހަމައަށ ގެނެސްދޭ ތާރީޚު ފައިނަލް ކުރެވިއްޖެ ކަމަށެވެ. އެގޮތުން މި ފިލްމު ސިނަމާތަކަށް ގެންނާނީ މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެޗް ވިނޯދު ޑައިރެކްޓްކޮށް ވެންކަތު ކޭ ނާރަޔަނާ ޕްރޮޑިއުސްކުރާ "ޖަނަ ނަޔަގަން" އަކީ، ވިޖޭގެ ފިލްމީ ހަޔާތުގެ ވަރަށް ހާއްސަ އަދި ތާރީހީ މަސައްކަތެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ވިޖޭ އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންނަށް ފެންނާނެ އެންމެ ފަހުގެ ފިލްމަށް މި ފިލްމު ވެފައިވާއިރު، މިއީ މުޅި އިންޑިއާގެ ސިނަމާގައި ވެސް މިހާތަނަށް އެންމެ ބޮޑު އިންތިޒާރެއް ކުރެވޭ އެއް ފިލްމެވެ. ހަމައެއާއެކު ވިޖޭއަށް ސަޕޯޓުކުރާ އެތައްހާސް ބަޔަކަށް އެކްޓަރުގެ ފަރާތުން ދެވޭ ހާއްސަ ވަދާއީ ހަނދާނަކަށް މި ފިލްމުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

"ޖާނާ ނަޔަގަން"ގެ މަންޒަރެއްގައި ވިޖޭ--ފޮޓޯ/އެންޑީޓީވީ

މި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕްރޮޑިއުސަރު ވެންކަޓް ކޭ ނާރާޔަނާ ބުނީ، ސިނަމާގެ ތާރީހުގައި ވަރަށް މަދު ފަހަރަކު މެނުވީ ދިމާނުވާ ފަދަ ތާރީހީ ވަގުތުކޮޅެއް މި ފިލްމާއެކު ފެންނާނެ ކަމަށެވެ. ވިޖޭގެ ކެރިއަރުގެ އެންމެ ފަހު ފިލްމު މުޅި ދުނިޔޭގެ ސަޕޯޓަރުންނާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވުމަކީ އެ ފަރާތަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

ވެންކަޓް އިތުރަށް ފާހަގަކުރި ގޮތުގައި، ފިލްމީ ދާއިރާއިން ފެށިގެން އައިސް މިލިއަނުން މީހުންނަށް ނަމޫނާ ދައްކަމުން ގޮސް، ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ މަޤާމާ ހަމައަށް ވިޖޭ ކުރެއްވި ދަތުރަކީ އާންމު ރައްޔިތުންނާ އޮތް ވަރުގަދަ ގުޅުން ހާމަކޮށްދޭ ކަމެކެވެ.

ޕޮލިޓިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޖާނާ ނަޔަގަން"ގެ ކާސްޓްގައި ބޮބީ ޑިއޯލް، ޕޫޖާ ހެގްޅޭ، ޕްރަކާޝް ރާޖް، ޕްރިޔަމަނީ އަދި ނައްސާރް ފަދަ ތަރިން ހިމެނެއެވެ.