24 Sep 2012, 12:32
ހަވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލްކުރާ ގައުމީ އަންހެން ކެރަމް ޓީމުގެ ސިލެކްޝަން މެޗުތައްނިމި ހަތަރު ކުޅުންތެރިއަކު ޤައުމީ ޓީމުން ޖާގަކަށަވަރުކޮށްފ ިއެވެ.
މިމަހުގެ 21 އަދި 22 އަށް ދެދުވަހަށް ކުރިއަށް ގެންދިޔަ އަންހެން ސިލެކްޝަން މެޗުތަކަށްފަހުން ގައުމީ ޓީމުން ޖާގަ ކަށަވަރުކޮށްފައިވަނީ އައިޝަތު ފައިނާޒް، އައިމިނަތް ވިދާދު، އައިޝަތް ޝަޒްނާ އަދި އައިމިނަތް ނިފާޝާއެވެ.
ގައުމީ ޓީމުން ޖާގަކަށަވަރުކޮށްފައިވާ ކުޅުންތެރިންގެ ތެރެއިން އައިޝަތް ފައިނާޒަކީ އެންމެ ފަހު ދެއަހަރުގެ ވެސް ޤައުމީ ޗެމްޕިއަނެވެ. އަދި އެންމެ ފަހުން ބޭއްވި ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ވެސް ޗެމްޕިއަނެވެ. ދެވަނަ ޖާގަކަށަވަރު ކޮށްފައިވާ އުމުރުން އެންމެ 16 އަހަރުގެ އައިމިނަތް ވިދާދު ގައުމީ ޓީމަށް އެންމެ ފުރަތަމަ އަރާފައިވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ބައިނަލް އަޤްވާމީ މުބާރާތެއް ކަމުގައިވާ ފަނަރަވަނަ ސާރކް ކެރަމް މުބާރާތުގައި ވާދަކުރި ޤައުމީ ޓީމަށް މިކުޅުންތެރިއާގެ އުމުރުން އެންމެ ފަނަރަ އަހަރުގައެވެ.
ޤައުމީ ކެރަމް ޓީމުގެ ތިންވަނަ ޖާގަ ކަށަވަރުކޮށްފައިވާ އަައިޝަތް ޝަޒްނާއަކީ ޤައުމީ ޗެމްޕިއަންކަން ވިދިވިދިގެން ހަފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. ހަތަރުވަނަ ކުޅުންތެރިއެއްގެ ގޮތުގައި ޤައުމީ ޓީމުން ޖާގަކަށަވަރުކޮށްފައިވާ އައިމިނަތް ނިފާޝާއަކީ ރާއްޖޭގައި ބޭއްވޭ ތިންވަނައަށް އެންމެ ބޮޑު މުބާރާތް ކަމުގައިވާ ރަމަޟާން ކެރަމް ކަޕްގެ އެންމެފަހުގެ ޗެމްޕިއަންއެވެ.
2008 ވަނަ އަަހަރު ފުރާންސްގައި އޮތް ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމު ކަމުގައިވާ ޝްރީލަންކާގައި މިއަހަރު އޮކްޓޯބަރު 31 އިން ނޮވެމްބަރު 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތަށް އަންހެން ހަތަރު ކުޅުންތެރިންގެ ޓީމެއްގެ އިތުރުން ފިރިހެން ހަތަރު ކުޅުންތެރިންގެ ޓީމެއްވެސް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ކެރަމް ޓީމަށް ކުޅުންތެރިން ނެގުމަށް ފިރިހެން ކުޅުންތެރިންގެ މެދުގައި ތިން ސިލެކްޝަން މުބާރާތެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުން ދެ ސިލެކްޝަން މުބާރާތެއް ނިމި ޤައުމީ ޓީމުންވަނީ ދެ ކުޅުންތެރިއަކު ވަނީ ޖާގަކަށަވަރުކޮށްފައެވެ. އެއީ ފުރަތަމަ ސިލެކްޝަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަސަން ނާޒިމާއި އަދި ދެވަނަ ސިލެކްޝަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހުސެއިން އަލީއެވެ.
ފިރިހެން ކުޅުންތެރިންގެ މެދުގައި ކުޅެވޭ ތިން ސިލެކްޝަން މުބާރާތުގެވެސް ޗެމްޕިއަންކަން ހޯދާ ކުޅުންތެރިނަށް ޓީމަށް އެރުމުގެ ފުރުސަތު ލިބޭއިރު ހަތަރުވަނަ ކުޅުންތެރިއެއްގެ ގޮތުގައި 21 އަހަރުން ދަށުގެ ޖޫނިއާ ކުޅުންތެރިއަކަށް ފުރުސަތު ދިނުމަށްވެސް ވަނީ ކެރަމް އެސޯސިއޭޝަނުން ނިންމާފައެވެ. ޖޫނިއާ ކުޅުންތެރިއަކަށް ޤައުމީ ޓީމަށް އެރުމުގެ ފުރުޞަތު މުޅިން އަލަށް ހުޅުވާލެވިފައި މިވަނީ މުސްތަޤްބަލްގައި ޤައުމު ތަމްސީލުކުރަން ތިބި ޖޫނިއާ ކުޅުންތެރިނަށް އިތުރު ތަމްރީނާއި ހުނަރު ދިނުމަށް އެސޯސިއޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިންނެވެ.
މިއަހަރުގެ ވޯލްޑްކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރާނެކަމަށް ބެލެވިފައިވަނީ ދިވެހިރާއްޖެ، އިންޑިއާ، ޝްރީލަންކާ، ޖަރުމަން، އިޓަލީ، ފްރާންސް، ސްޕެއިން، އިންގްލެންޑް، ޔޫ.އެސް.އޭ، ކެނެޑާ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، އޮމާން، ޔޫ.އޭ.އީ އެވެ. ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެގެ ފިރިހެން ޓީމު އޮތީ 4 ވަނާގައެވެ. އަދި އަންހެން ޓީމު އޮތީ 3 ވަނައިގައެވެ.