ލިވަޕޫލް 2-1 އިނަ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނާގައި މިވަގުތުއޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކޮށްފި އެވެ.

ލީގުގެ އެއް ވަނާގައި ޗެލްސީ އޮތީ 13 ޕޮއިންޓާއެކު އެވެ. އަދި ޔުނައިޓެޑް ދެ ވަނާގައި އޮތީ 12 ޕޮއިންޓާއެކު އެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 39 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ޖޮނީ އެވަންސް އަށް ލިވަޕޫލްގެ މިޑްފީލްޑަރު ޖޮންޖޯ ޝެލްވީ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އެހެން ނަމަވެސް އެއްކުޅުންތެރިއަކު މަދުކޮށް ރޭގެ މެޗުގެ ބާކީ ބައި ކުޅެން ޖެހުނު ލިވަޕޫލުން މެޗުގެ ލީޑް ނެގިއެވެ، އެލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސްޓީވަން ޖެރާޑެވެ. އެހެން ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 1-1 ލަނޑަށް އެއްވަރު ކޮށްފައެވެ. ޔުނައިޓެޑަށް އެއްވަރު ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު ރަފައެލްއެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ މައްޗަށް ޔުނައިޓެޑުން ލީޑް ނެގި ލަނޑު ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ ހޮލެންޑްގެ ފޯވަޑް ރޮބިން ވެން ޕާސީ އެވެ. ޔުނައިޓެޑަށް ޕެނަލްޓީ އެއް ލިބުނީ އެ ޓީމުގެ ވެލެންސިއާ އަށް ލިވަޕޫލްގެ ގްލެން ޖޯންސަން ކުރި ފައުލަކާ ގުޅިގެނެވެ.

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ބުނީ، ފުރަތަމަ ހާފުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނުނު ކަމުގައި ވިޔަސް ، މެޗުގެ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އިދިކޮޅު ލިވަޕޫލްގެ ފޯވާޑުން ހިފެހެއްޓުމަށް ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ޑިފެންޑަރުންނަށް އުނދަގޫވި ކަމަށް ވެސް ފާގަސަން ފާހަގަ ކުރިއެވެ.