06 Sep 2010, 19:05
ދިއެފްއެމްގެ ފަސް ޕޮއިންޓް އުނިކުރި މައްސަލަ ބަލައިދިނުމަށް އެދި ދިއެފްއެމުން މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.
ދިއެފްއެމަށް ދޫކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސުން ފަސް ޕޮއިންޓް އުނިކޮށްފައި ވަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ މުލީއާގެ ކައިރިއަށް ޑީއާރުޕީން އެއްވި އެއްވުން ދިއެފްއެމް ވިޝުއަލް ރޭޑިއޯއިން ލައިވް ކުރުމާ ގުޅިގެންނެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އިންޓަވިއުތަކެއް އެރޭ ފޮނުވަމުންދާ ކަމަށް ބުނެ، ދެ ފުލުހުން ވަނީ ސްޓޭޝަނަށް ވަދެ ޓްރާންސްމިޝަން ހުއްޓާލުމަށް ވެސް އަންގާފަ އެވެ. އެހެންނަމަވެސް، އެ ޓްރާންސްމިޝަން މެދުކަނޑާލަން އެންގި އެންގުމަކީ ޤާނޫނު އަސާސީއާ ޚިލާފު އެންގުމެއް ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވަނީ މިހާރު ކަނޑާއަޅައިފަ އެވެ.
ދިއެފްއެމުން މީޑިއާ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ދިއެފްއެމުން މުލީއާގޭ ދޮށަށް އެއްވި މައްސަލަ ކަވަރު ކުރިއިރު އެއްވެސް އިހުމާލެއް ވެފައި ނެތް ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އެކަމާ ގުޅިގެން ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލަ އަލުން ބަލައިދިނުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ.