އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ. މަރަދޫފޭދޫ، ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 90 ދުވަހަށް ބަންދުކޮށްފައިވާ ސ. މަރަދޫފޭދޫ / އުއްމީދު ގެއަށް ވަދެ ތިއްބައެވެ.

މި ޖުލައި މަހުގެ 13 ވަނަ ދުވަހު މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން "އުއްމީދު" ގެ ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ.

މި ގެއަކީ މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ ތަނެއް ކަމަށް ތުހުމަތު ކުރެވިގެން ވަކި މުއްދަތަކަށް ސީލްކޮށްފައިވާ ތަނެކެވެ.

ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ.

އެހެންކަމުން މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތް ގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.