15 Jul 2026, 14:24
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައި ދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ނިންމާފައި ވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
އަލަތު ކައިވެނިކުރާ ފަރާތްތަކަށް ހިލޭ ހޯލް ނުވަތަ މައިޒާންތައް ދޫކުރުމަށް ކައުންސިލުން ނިންމިއިރު، މިއީ އެ އިދާރާގެ އާމްދަނީއަށް އޭގެ ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. ސަބަބަކީ މިފަދަ ހަފުލާތަކަށް، ޖާގަ ކުއްޔަށް ދީގެން ސިޓީ ކައުންސިލަށް މިހާރު ވެސް ބޮޑު މާލީ ފައިދާއެއް ލިބެމުން ދާތީއެވެ.
ޚާއްސަކޮށް މާލޭގައި ކައިވެނީގެ ވަލީމާތައް ބޭއްވުމަށް އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ލޮނުޒިޔާރަތް ޕާކަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ އަދި އެތަނުން ބޮޑު ކުއްޔެއް ނަގަމުންދާ ތަނެކެވެ.
މާލޭގައި ކޮންމެ މަހަކު ވެސް އެތައް ސަތޭކަ ކައިވެންޏެއް ކުރެވެމުންދާއިރު، ހަފުލާ ބާއްވާނެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައެވެ.
އެފަދަ ތަންތަން ކުއްޔަށް ހިފުމަށް އާންމުން އަތުން ބޮޑެތި ޚަރަދުތަކެއް ހިންގާތީ، ސިޓީ ކައުންސިލްގެ މި ނިންމުމަކީ އަލަށް ދިރިއުޅުމެއް ފަށާ ޒުވާން އާއިލާތަކަށް މާލީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މި ނިންމުމަކީ މޭޔަރު އާދަމް އާޒިމްގެ އިތުރުން ބައެއް ކައުންސިލަރުންގެ ކެމްޕެއިންގެ ތެރޭގައި ޒުވާނުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެކެވެ.