24 Sep 2012, 12:23
އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތެއް ބަޔަކާއި ހަވާލު ކުރުމުގައި ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަންގެ ޑިރެކްޓަރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވާފައިވާ ކަމަށް ފާހަގަ ކުރެވޭތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ ހިތަދޫ ހޮސްޕިޓަލްގެ އޮޓްކްލޭވް ރޫމާއި އައިސޮލޭޝަން ވޯޑް މަރާމާތު ކުރަން ބަޔަކާއި ހަވާލު ކުރުމުގައި ކޯޕަރޭޝަންގެ ޑިރެކްޓަރު ސ. ހިތަދޫ ބިންމާގޭ، އިބްރާހިމް ސަބްރީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދީފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވޭތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ޕްރޮކިއުމެންޓްގެ ކަންތައް ކުރިއަށް ގެންދިޔުމުގައި ބެސްޓް ޕްރެކްޓިސް އަކީ ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދެވޭ ގޮތަށް އެކަން ކުރިއަށް ގެންދިޔުން ކަމަށްވާއިރު އައިސޮލޭޝަން ވޯޑު މަރާމާތު ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރި އިރު އިއުލާންކޮށްފައި ނުވާކަމަށް އޭސީސީން ބުންޏެވެ.
އެ ކުންފުނި އުފެދުނު ފަހުން އޮކްޓޯބަރު 18، 2010 އިން ފެށިގެން މިދިޔަ ޑިސެމްބަރުގެ ނިޔަލަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އައިސޮލޭޝަން ވޯޑު މަރާމާތު ކުރުމުގެ މަސައްކަތެއް ފިޔަވައި 25،000ރ. އަށް ވުރެ އަގުބޮޑު ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ އިއުލާން ކޮށްގެން ކަމަށް ވެސް ބުނެފައި ވެއެވެ.
މާލިއްޔަތާއި ބެހޭ ގާނޫނު ބުނާގޮތުން 25،000ރ. އަށް ވުރެ އަގު ބޮޑު މަސައްކަތެއް ބަޔަކާއި ހަވާލުކުރަން ވާނީ އިއުލާންކޮށްގެނެވެ.