މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ ކަމުގެ ތުހުމަތުގައި މާފަންނު އަވަށުގެ ގެއެއްގެ ބައެއް ތިން މަސް ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭގައި މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދާ ކަމުގެ ތުހުމަތުގައި މ. ލޭންޑްއޮފްގާޑަންގެ ބައެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ތަން މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

މިއީ މާލޭގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރި ހަ ވަނަ ތަން ކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ފުރަތަމަ އަމުރެއް ނެރުނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދުވަހު ހ. ގުންޒަރު ތިން މަސް ދުވަހަށް ބަންދުކުރުމަށް އަމުރެއް ނެރެފައެވެ. ދެން ބަންދުކުރި ތަންތަނަކީ:

  • މ. ތަރިވިލާގެ: މެއި 22އިން އޮގަސްޓު 22އަށް

  • މ. އަމީރާމަންޒިލް ގެ ބައެއް: ޖޫން މަހުން ސެޕްޓެމްބަރުގެ ފުރަތަމަ ދުވަހަށް
  • މއ. ސެވަން އެންޑް ހައުސް: ޖޫން 11އިން ސެޕްޓެމްބަރު ނުވަޔަކަށް
  • ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): ޖޫން 25އިން ސެޕްޓެމްބަރު 24އަށް

ފުލުހުން ބުނީ، ކޯޓު އަމުރުގެ ދަށުން މި ތަންތަނަށް އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެ ނިކުތުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެގޮތުން މި ތަންތަނަށް ހުއްދަނެތި ވަދެ ނިކުންނަ ފަރާތްތަކަށާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގެ ބައެއް ތަންތަނުގެ އިތުރުން އައްޑޫގައިވެސް މަސްތުވާތަކެތީގެ ޚިދުމަތްދޭ ބައެއް ތަންތަން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައެވެ. އެގޮތުން އައްޑޫ މަރަދޫފޭދޫ އުއްމީދުގެ 90 ދުވަހަށް ބަންދުކުރުމަށް މިދިޔަ ޖޫން މަހުގެ 15ވަނަ ދުވަހު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނެވެ.