24 Sep 2012, 12:17
އޭސީސީ އެލީޓް މުބާރާތުގައި ވާދަކުރާ ޤައުމީ ކްރިކެޓް ޓީމު އަންނަ އޮކްޓޯބަރ މަހުގެ ތިން ވަނަ ދުވަހު ޔޫ.އޭ.އީގައި ފެށުމަށް ހަމަޖެހިފައިވާ އޭ.ސީ.ސީ އެލީޓް ކްރިކެޓް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމު އިއްޔެ ފުރައިފި އެވެ.
ޤައުމީ ޓީމު މި މަހުގެ 30 ގައި ޑުބާއީއަށް ދިޔުމަށް ހަމަޖެހިފައިވަނީ ޝްރީލަންކާގައި ފަރިތަކުރުމަށް ކޭމްޕް ކުރުމަށް ފަހު އެވެ.
އިއްޔެ ފުރުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ކުޅިވަރާބެހޭ ސްޓޭޓް މިނިސްޓަރު ޤައްސާން މަޢުމޫން ކުޅުންތެރިންނާ ބައްދަލުކުރެއްވި އެވެ. އަދި ކުޅިވާރާ ބެހޭ މިނިސްޓްރީގެ އިސްވެރިންނާ، ކްރިކެޓް ބޯޑުގެ ރައީސް އަޙްމަދު ހަސަންދީދީ އާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ވެސް ކުޅުންތެރިންނާ ބައްދަލުކޮށް ހިތްވަރުދެއްވި އެވެ.
އޭސީސީ އެލީޓް މުބާރާތަކީ އޭޝިއަން ކްރިކެޓް ކައުންސިލުން އޭޝިޔާގެ ޓީމުތަކަށް ރާވާ ހިނގާ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގައި ވާދަ ކުރަނީ އޭޝިޔާގެ ޓެސްޓް ކުޅޭ ހަތަރު ޤައުމު ނެގުމަށް ފަހު އެންމެ މޮޅު 10 ޤައުމެވެ. ދިވެހިރާއްޖެ މި މުބާރާތައް ކޮލިފައިވީ 2010 ވަނަ އަހަރު ބޭއްވުން ޓްރޮފީ ޗެލެންޖް ކާމިޔާބުކޮށްގެންނެވެ.
އެލީޓް މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގައި ރާއްޖޭގެ މަޝްހޫރު ކްރިކެޓަރުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން މުޅިން އަލަށް ޤައުމީ ސީނިއަރ ޓީމަށް ކުޅޭ 3 ކުޅުންތެރިންވެސް ހިމެނެއެވެ. ޓީމުގެ ކެޕްޓަނަކީ މޫސާ ކަލީމެވެ. ވައިސް ކެޕްޓަނަކީ އަފްޒަލް ފާއިޒް ސަމަދެވެ. ދެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ނީޝާމް ނާސިރު، އަބްދުﷲ ޝާހިދު، އިސްމާއިލް ނިހާދު، މުޙަންމަދު މަހަފޫޒް، ޝަފްރާޒް ޖަލީލް،ހުޝާމް އިބްރާހިމް، މިހުސާން ހާމިދު، ހަސަން އިބްރާހިމް، އިޝާން، މުޙަންމަދު އައްޒާމް، އަޙްމަދު އަމީލް އަދި މުޙަންމަދު ރިޝްވާނެވެ. ޓީމުގެ ކޯޗަކީ ޝްރީލަންކާގެ ކުރީގެ ޤައުމީ ކުޅުންތެރިއެއްކަމަށްވާ ބްރެންޑަން ކުރުޕުއެވެ. މެނޭޖަރަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ކްރިކެޓަރ އަދި ކްރިކެޓް ބޯޑުގެ ކުރީގެ ވައިސް ޕްރެސިޑެންޓް ފަރުހަތު ޖަލީލެވެ. ފިޒިއޯއެއްގެ ގޮތުގައި ޓީމާއެކު ދަތުރުކުރާނީ ސަންޖީވާއެވެ.
ދިވެހި ޤާއުމީ ޓީމުގެ މެޗްތައް ކުޅޭ ދުވަސްތައް:
4 އޮކްޓޯބަރ ބޫޓާން
6 އޮކްޓޯބަރ އަފްޤާނިސްތާން
7 އޮކްޓޯބަރ މެލޭޝިޔާ
9 އޮކްޓޯބަރ އޮމާން