ޓޮމްގެ އާ ފިލްމު 'ޑިގާ'ގައި އެކްޓަރު މުޅިން ތަފާތު ސިފައެއްގައި
ޓޮމްގެ އާ ފިލްމު 'ޑިގާ'ގައި އެކްޓަރު މުޅިން ތަފާތު ސިފައެއްގައި

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ އާ ފިލްމު "ޑިގާ"ގެ ޓްރެއިލާ އާއްމުކުރުމާ އެކު ފިލްމުގައި ޓޮމް ފެންނަ ސިފައާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކްޓަރަށް ތައުރީފުކޮށްފައެވެ.

މަޝްހޫރު ފްރެންޗައިސް "މިޝަން އިމްޕޮސިބަލް"ގެ އީތަން ހަންޓްގެ ގޮތުގައި ތަކުރާރުކޮށް ދުނިޔެ ސަލާމަތްކޮށްދިން ޓޮމް ކްރޫޒް، މިފަހަރު ފެންނަނީ ދުނިޔެއަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ މީހެއްގެ ގޮތުގައެވެ.

އަލެހަންދްރޯ ގޮންޒާލޭޒް އިނާރިޓޫގެ އާ ފިލްމު "ޑިގާ"ގެ ރަސްމީ ޓްރެއިލާއިން ޓޮމް ފެންނަނީ، ބޮޑު ބަނޑެއް ލާފައިވާ، އާދަޔާ ހިލާފު ސިފައެއްގައި ހުރި މުއްސަނދި ތެޔޮ ވިޔަފާރިވެރިއެއްގެ ރޯލުންނެވެ.

ފިލްމުގެ ޓްރެއިލާއިން ފެންނަނީ، ކްރޫޒް ކުޅޭ ޑިގާ ރޮކްވެލްގެ އަމަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ބޮޑު ކާރިސާއަކުން ސަލާމަތްކޮށްދޭނެ މީހަކީ އޭނާކަން އިންސާނިއްޔަތަށް ސާބިތުކޮށްދިނުމަށް ކުރާ އުނދަގޫ މަސައްކަތްތަކެވެ.

"ޑިގާ"ގެ މަންޒަރެއްގައި ޓޮމް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި ރޯލަށްޓަކައި ކްރޫޒްގެ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ޓޮމް ވަނީ ދެކުނު އެމެރިކާގެ މީހުން ވާހަކަދައްކާ ރީތި ރާގަށް ވާހަކަދެއްކުމަށް ފަރިތަކަމާ އެކު ދަސްކޮށްފައެވެ. ހަމައެއާއެކު ބޮޑު ބަނޑެއްލާފައި ހުރުމުގެ އިތުރުން، ބޯ ތަލަވަމުންދާ ހުދު އިސްތަށިގަނޑެއްގައި ހުއްޓާ ޓޮމް މި ފިލްމުގެ ޓްރެއިލާއިން ފެނެއެވެ.

މީގެ ކުރިން ޓޮމް ކްރޫޒް ވަނީ "ޑިގާ"ގެ ކެރެކްޓާއަށް އޭނާގެ ސިފަ ބަދަލުވަމުންދިޔަ ގޮތް ދައްކުވައިދޭ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "ޑިގާ"އިން ފެންނާނެ އިތުރުން ތަރިންގެތެރޭ، ޖެސީ ޕްލެމަންސް، ސަންޑްރާ ހުލާ، ރިޒް އަހުމަދު، ސޯފީ ވައިލްޑް، އެމާ ޑާސީ، ބާން ގޯމަން، ރޮބަޓް ޖޯން ބާކް، އަދި މައިކަލް ސްޓޫލްބާގް ހިމެނެއެވެ.

ވޯނާ ބްރަދާސްއިން މި ފިލްމުގެ ޓްރެއިލާ އާއްމުކުރުމާއެކު މިއީ ޓޮމްއަށް އޭނާގެ ފުރަތަމަ އެކްޓިން އޮސްކާ އެވޯޑު ހޯދައިދޭނެ ފިލްމު ކަމަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން އެކްޓަރުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.