24 Sep 2012, 12:13
ރާއްޖޭގައި ތަރައްގީ ނުކުރެވި ހުރި ގިނަ ރިސޯޓް ރަށްތައް ޑިވެލޮޕްކުރަން ފައިނޭންސް ހޯދަން އޭޝިޔާ ސަރަހަހައްދުގެ އެގްޒިމް ބޭންކްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިސޯޓް ހަދަން ދޫކުރި ރަށްތަކުގެ ތެރެއިން 50 ރަށް ވުރެ ގިނަ ރަށް އަދިވެސް ނުހެދި އެބަހުރި ކަމަށާއި އެ ރަށްތައް ނުހެދި ހުރީ އިންވެސްޓަރުންނަށް ފައިސާގެ ދަތިކަން ކުރިމަތިވެފައި ވާތީ ކަމަށެވެ. އެ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާ ތައިލެންޑް އަދި ޗައިނާގެ އެގްޒިމް ބޭންކާއެކު ފިނޭންސް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މައްސަލައަކީ ރާއްޖޭގެ ބޭންކްތަކުގައި ފައިސާ ނެތުން، ރިސޯޓެއް ހެދުމަކީ ފަސޭހަ ކަމެއް ނޫން، ބޮޑު އިންވެސްޓްމަންޓެއް، އެ އިންވެސްޓްމަންޓަށް ރާއްޖޭގެ ބޭންކްތަކުން ފައިސާ ނުލިބުން، އެހެންވީމަ އަޅުގަނޑުމެން މަސައްކަތް މިކޮށްދެނީ، އަދި ފިނޭންސް މިނިސްޓަރު ވެސް ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ އިންޑިއާ ތައިލެންޑްގެ އެގްޒިމް ބޭންކްތަކާއެކު، މި ފަހުން ޗައިނާއަށް ކުރި ދަތުރުގައި ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން ޗައިނާގެ އެގްޒިމް ބޭންކާއި އެކު،" އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑަށް މަޝްވަރާކުރެވެނީ އެ ބޭންކްތަކުން ފައިސާގެ އެހީ ނުލިބުނު ނަމަވެސް އެ ގައުމުތަކުގެ އިންވެސްޓަރުން ރާއްޖެ އައިސް އެފަދަ ރިސޯޓްތަކަށް އިންވެސްޓް ކުރެވޭނެ މަގުތަކެއް ފަހިކޮށް ދިނުމަށް ކަމަށެވެ. ގިނަ އިންވެސްޓަރުން ބޭނުންވަނީ މުޅިން އާ ރަށްތަކަށް އިންވެސްޓް ކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ގިނަ އިންވެސްޓަރުން ތިބޭ ލައިން އަޕްކޮށްފައި، އެބޭފުޅުން ބޭނުންވަނީ އާ ތަންތަނަށް އިންވެސްޓްކުރަން، އެއީވެސް މައްސަލައެއް، ނަމަވެސް އަޅުގަނޑު މިބަލަނީ އެގްޒިމް ބޭންކްތަކުގެ ތެރެއިން މި ދެއްކޭ ވާހަކަތަކުން ފައިސާ ނުލިބުނަސް އެ ނުހެދި ހުރި ތަންތަނަށް އިންވެސްޓްކުރާނެ އިންވެސްޓަރުން ހޯދަން،" އަދީބު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރިސޯޓް ހަދަން 2004 ގައި ދޫކުރި 63 ރަށުގެ ތެރެއިން ހަދާ ނިމުނީ އެންމެ 14 ރަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ދޫކުރި 26 ރަށުގެ ތެރެއިން ނިމުނީ އެންމެ ރަށެކެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ނިންމާފައި ވަނީ ރިސޯޓު ހަދަން އިތުރު 14 ރަށެއް ހުޅުވާލާށެވެ.
މިނިސްޓަރު ވިދާޅުވީ ނުހެދި ހުރި ގިނަ ރަށްތަކެއް ހުރި ނަމަވެސް އާ ރަށްތަކެއް ރިސޯޓްހަދަން ހުޅުވާލަނީ ސަރަހައްދީ ތަރައްގީއަށް ވިސްނައިގެން އެންމެ މަދުން އެނދު ހުރި ސަރަހައްދުތައް ބަލައިގެން ކަމަށެވެ. އަލަށް ހުޅުވާލައި ރަށްތަކުގެ ސަބަބުން މިހާރު ތިބި އިންވެސްޓަރުންނަށް ދިމާވާނެ އުނދަގޫތަކެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބެލީ ސަރަހައްދީ ތަރައްގީއަށް، މިހާރުވެސް އެނދު ނެތް ދިމަދިމާ ބަލައިގެން ރަށްތައް މި ހުޅުވާލީ. މީ ޓޫރިޒަމް ޕްލޭންގައި ބުނާ ގޮތަށް މިހާރު މަދުވާ އެނދުގެ ތެރެއަށް އިތުރުކުރަން ޖެހޭތީ އަޅުގަނޑުމެން ހުޅުވާލި ރަށްތަކެއް،" އަދީބު ވިދާޅުވި އެވެ. މި ފަހަރު ރަށްތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަށް ކަމަށާއި އަދި އެއީ ރިސޯޓެއް ހެދޭ ފެންވަރުގެ މާލީ ގާބިލުކަން ހުރި ބައެއްތޯ ވަރަށް ބޮޑަށް ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިސޯޓްހަދަން އަލަށް ހުޅުވާލި ރަށްތަކަކީ ރ. ފަސްމަންދު އާއި ޅ. އޫކޮޅު ފިނޮޅާއި، ވ. ބޮޑުމޮހަރާ އާއި މ. ދިއްތުނޑިއާއި ލ. އަތޮޅުގެ ތިން ރަށް ކަމަށްވާ ހުޅިޔަންދޫ އާއި އޮޅުތޮޅާއި އުވަދެވިފުށްޓާއި ގއ. އަތޮޅުގެ ފަސް ރަށް ކަމަށްވާ ބިހުރެހާއާއި ބޮޑުބޮނޑެއްޔާ އާއި ފަޅުވެއްރެހާ އާއި މާމުޓާ އާއި ޅޮއްސާ އާއި ގދ. ދެރަށް ކަމަށްވާ ކަންނިގިއްލާ އާއި ރަހަދުވާ އެވެ.