24 Sep 2012, 12:03
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުނާއި އާއިލާތައް ހުޅުލެއަށް ދިއުމުގެ ހަރަދު ސަރުކާރުން ހަމަ ޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ސައީދު އަލީ ސައީދު މިއަދު ހެނދުނު ވިދާޅުވީ މި އަހަރު ހައްޖަށްދާ މީހުން ހުޅެލެއަށްދާން ފުރުން އޮތީ ޖުމްހޫރީ މައިދާނުން ކަމަށާއި އޭގެ ކުރިން ހައްޖަށްދާ މީހުނާއި އާއިލާތައް ޖުމްހޫރީ މައިދާނަށް އެއްވެ އެ މައިދާނުގައި މަޑު ކޮށްލުމަށް ޓެންޓް ޖަހާނެ ކަމަށެވެ.
ހައްޖަށްދާ މީހުންގެ ފުރުމާ ހަމައަށް ފޮށިތައް އުފުލައިދީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ފަހަރު ހުރިހާ ހާޖީން ވެސް ފުރާނީ ވެސް ދެ ނަމްބަރު ޖެޓީން. އަދި ޖުމްހޫރީ މައިދާނުގައި ޓެންޓް ޖަހާފައި ހުންނާނެ ހާޖީންނަށް. ސިފައިންގެ އެހީތެރިކަން އެންމެ މަތީ ދަރައިޖައިގައި ލިބިގެންދާނެ. އަދި ހަޖީންނަށާއި އެބޭފުޅުންގެ އާއިލާތަކަށް ހިލޭ ފެރީ ހަމަ ޖެހިފައި އޮންނާނެ މާލެ އިން އެއާޕޯޓަށް. ފުރުމުގައި ވެސް އަދި އެނބުރި ރާއްޖެ އަންނަ އިރު ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
ހައްޖަށްދާ މީހުން ފުރުމުގެ ކުރިން އެއާޕޯޓްގައި މަޑުކުރަންޖެހޭ ވަގުތުތަކުގައި މާލެއިން ލިބޭ އަގުގައި އެއާޕޯޓުން ވެސް ކާއެއްޗެހި ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށް ޝަހީމް މިއަދު ވިދާޅުވި އެވެ.
"ހުޅުލޭގައި އެމީހުން [ހައްޖަށްދާ މީހުން ފުރުމާއި ހަމައަށް ވަރަށް ގިނައިރު ތިބެން ޖެހޭ. އެ ތިބޭއިރު މާލެއިން ލިބޭ އަގުގައި ހުޅުލެއިން ކާބޯތިލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖަށް ދާން ހަމަ ޖެހިފައިވާއިރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ދަތުރުތައް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ.