އުރީދޫ މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2026 މި އަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފިއެވެ.

މި އަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކ. މާފުށީގައެވެ.

މަސްރޭހުގެ ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވައިލިއިރު ރަޖިސްޓްރޭޝަންގެ ފަހު ތާރީޚަކީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 23:59 އެވެ.

އުރީދޫން ބުނީ ރެޖިސްޓާކުރުމަށް 12 މީހުން ހިމެނޭ ޓީމެއް ހެދުމަށްފަހު އޮންލައިކޮށް ވެސް ފޯމް ފުރޭނެ ކަމަށެވެ.

މިފަހަރުގެ މަސްރޭހުގައި ވެސް މުޅިއަކު 43،000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ ތެރޭގައި:

  • ޗެމްޕިއަން ޓީމް: 25000 ރުފިޔާ

  • ދެވަނަ ޓީމް: 10000 ރުފިޔާ
  • ތިންވަނަ ޓީމް: 5000 ރުފިޔާ

އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި، އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ. އަދި އުރީދޫ މަސްރޭހުގައި އެންމެ ގިނަވެގެން 20 ޓީމު ވާދަކުރާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެގޮތުން 20 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށް މަސްރޭހުން ފުރުސަތު ދެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އަދި އުރީދޫ މަސްރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.

އުރީދޫ މަސްރޭސް 2026 ގައި ރަޖިސްޓްރީވުމަށް، ޒިޔާރަތްކުރުން:http://ore.do/masrace2026