24 Sep 2012, 11:43
ހިއުމަންރައިޓްސް މިނިސްޓްރީގެ ތިން މަގާމެއް ނުކުޅެދުން ތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފި އެވެ.
ހިއުމަންރައިޓްސް މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީގެ މަގާމުތަކުގެ ތެރެއިން ތިން މަގާމެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މަގަމާކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ރިޒާވް ކޮށްފައިވާ ދެ މަގާމު ކަމަށެވެ. އެއީ މިނިސްޓްރީގެ ކޮން ދެ މަގާމެއް ކަމެއް ނުބުނެއެެވެ.
އެ މިނިސްޓްރީގެ ދެ މަގާމެއް ލޯފަން ކުދިންނަށް ޚާއްސަކޮށްފައިވާއިރު މިނިސްޓްރީގެ ޕްރޮކިއުމެންޓް އޮފިސަރުގެ މަގާމު ވެސް ވަނީ ނުކުޅެދުން ތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފަ އެވެ.
މިނިސްޓްރީން ބުނީ ގާނޫނު އަސާސީގައި ބުނެފައިވާ އަސާސީ ހައްގުތައް ހަމަހަމަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ލިބިދެވޭނެ މަގު ފަހިކޮށްދިނުމަކީ ގާނޫނު އަސާސީން ދައުލަތާ މަތިކޮށްފައިވާ ޒިންމާއަކަށް ވާއިރު މުޖުތަމައުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޚާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ މީހުންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް އެހީތެރިކަމުގެ ފިޔަވަޅު ދައުލަތުން އަޅަން ޖެހޭނެ ކަމަށެވެ.
ގާނޫނު އަސާސީގެ 37 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މަސައްކަތް ކުރުމުގެ ހައްގު މާނަހުރި ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހިކޮށްދިނުމަށް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ތަންތަނަށް ވެސް ކަނޑައެޅިފައިވާ ވަޒީފާތަކުގެ ތެރެއިން ބައެއް ވަޒީފާތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރިޒާވްކޮށްދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.