އޯޝަންމޭން މެލޭޝިއާގައި ހޯދި ކާމިޔާބީއާއެކު ރާއްޖޭގެ ފަޒްލުﷲ ވޯލްޑް ޗެމްޕިއަންޝިޕަށް
އޯޝަންމޭން މެލޭޝިއާގައި ހޯދި ކާމިޔާބީއާއެކު ރާއްޖޭގެ ފަޒްލުﷲ ވޯލްޑް ޗެމްޕިއަންޝިޕަށް

މެލޭޝިޔާގެ ކޯޓާ ކިނަބަލޫގައި ބޭއްވި "އޯޝަންމޭން މެލޭޝިޔާ 2026" ގެ ދެ ކިލޯމީޓަރު ސްޕްރިންޓް ރޭހުގައި ވާދަކޮށް، ދިވެހި ފެތުންތެރިޔާ ފަޒްލުﷲ އިބްރާހީމް ކަލޭފާނު ވާދަކުރި 50-59 އަހަރުގެ އުމުރުފުރާއިން ތިން ވަނަ ހޯދައި ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެއެވެ.

ޖުލައި 4-5 ގެ ނިޔަލަށް ބޭއްވި މި ރޭހުން ހޯދި ކާމިޔާބީއާއެކު މިއީ ފެތުމުގެ އުމުރުފުރާގެ ރޭހަކުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ދިވެހި ފެތުންތެރިއަކު ޕޯޑިއަމް ފިނިޝްއެއް (ގަދަ ތިނެއްގައި ހިމެނުން) ހޯދި ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީއާއެކު ފަޒްލުﷲ ވަނީ މިއަހަރުގެ ނޮވެމްބަރު މަހު ޑޮމިނިކަން ރިޕަބްލިކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ.

މިއީ ރާއްޖެއިން ބޭރުގެ މުބާރާތެއްގައި ފަޒްލުﷲ ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި މިއީ އޭނާ އޯޝަންމޭން ރޭހެއްގައި ފެތި ދެވަނަ ފަހަރެވެ.

އޯޝަންމޭން މެލޭޝިޔާގައި ވާދަކުރި ރާއްޖޭގެ ފަޒްލުﷲ--

ފަޒްލުﷲ އެންމެ ފުރަތަމަ ދިގު ފެތުމުގެ ރޭހެއްގައި ބައިވެރިވީ މިއަހަރުގެ އޭޕްރިލް މަހު މާފުށީގައި ބޭއްވި "އޯޝަންމޭން މޯލްޑިވްސް" ގައެވެ. އެ ފަހަރު ދެ ކިލޯމީޓަރުގެ ރޭސް އޭނާ ނިންމީ 53 މިނިޓު 53 ސިކުންތުންނެވެ.

އެއަށްފަހު، މޯލްޑިވްސް ލައިފް ގާރޑް އެސޯސިއޭޝަން (އެމްއެލްއޭ) ގައި ކޯޗު ޒާހިދާއެކު މެދުކެނޑުމެއްނެތި ފުރިހަމަކުރި ތަމްރީނުތަކަށްފަހު، މެލޭޝިޔާގެ ރޭސް އޭނާ ނިންމާފައިވަނީ 46 މިނިޓު 40 ސިކުންތުންނެވެ. މިއީ ކުރީގެ ރޭހާ އަޅައި ބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ހުރިހާ އުމުރުފުރާއަކުން ޖުމުލަ 86 ފެތުންތެރިން ވާދަކުރި މި ދެ ކިލޯމީޓަރުގެ ރޭހުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ފަޒްލުﷲ ނިންމާފައިވަނީ 22 ވަނައިގައެވެ. ނަމަވެސް، އޭނާ ވާދަކުރި 50-59 އަހަރުގެ އުމުރުފުރައިން ލޯ މެޑަލް ހޯދައި، އޭނާ ވަނީ ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީއެއް ހޯދައިދީފައެވެ.

"އޯޝަންމޭން" އަކީ ދުނިޔޭގެ 26 ޤައުމެއްގައި ޖުމުލަ 35 ރޭސް ބާއްވަމުން އަންނަ މަޝްހޫރު ފްރެންޗައިޒެކެވެ.

އޭޝިއާ ސަރަޙައްދުގައި މެލޭޝިޔާގެ އިތުރުން ތައިލެންޑު، ޓައިވާން، ދިވެހިރާއްޖެ، ވިއެޓްނާމް، ކަޒަކިސްތާނު، ފިލިޕީންސް އަދި އިންޑޮނޭޝިޔާގައިވެސް އޯޝަންމޭންގެ މުބާރާތްތައް ކުރިއަށްގެންދެއެވެ.