24 Sep 2012, 10:42
ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 87 މީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވި 87 މީހުންގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާ ކަމަށާއި އެ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.
"ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 87 މީހެއްގެ މައްސަލަ އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ފޮނުވިފައި. އެ އެންމެންގެ މައްޗަށް ވެސް ދައުލަތުން ކޮށްފައި ވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާ،" އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެ އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ތިންދޫ ޕޮލިސް ސްޓޭޝަނާއި އެތާނގެ ވެހިކަލްތަކާއި ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައާ ގުޅިގެން ކަމަށެވެ.
ތިނަދޫގައި ހުޅުޖެހި މައްސަލައާ ގުޅިގެން ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރަން ނިންމާފައިވާ ކަމަށާއި އެ މައްސަލަ އަދި ޝަރީއަތަށް ހުށަހެޅިފައި ނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އިއްޔެ ޝަރީއަތަށް ފޮނުވާފައިވާ 87 މީހުންނަކީ ތަހުގީގު ނިންމައި މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އޭގެތެރެއިން ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރަން ނިންމާފައިވާއިރު އިތުރު 17 މީހެއްގެ މައްސަލަ އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު އަށް މީހެއްގެ މައްސަލަ މިމަހުގެ ހަތަރު ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ.
އެ އަށް މީހުންނަކީ، ތިނަދޫ ކައުންސިލް މެންބަރު އެރަށު އަސަރީގޭ، އަލީ އިކްރާމާއި އެރަށު ހިންދޫސް، ފާތިމަތު ޖަމީލާ އާއި ޑެން، މުހައްމަދު ނާސިހު ރަޝީދާއި ދީފްރަމްގޭ، އަހުމަދު އަޔާޒާއި ތެވެލި، ޝަހާއުﷲ ޝަމީމާއި އެ އަތޮޅު ފަރެސްމާތޮޑާ އެޕްރީލްގޭ، މުހައްމަދު ޖާއިޒާއި ހޯނޑެއްދޫ ބިންމާގޭ، އަހުމަދު އަނީލްގެ އިތުރުން އެ އަތޮޅު ވާދޫ ދިލްބަހާރުގޭ، ޒިހާން މުހައްމަދު އެވެ.
ޕީޖީ އޮފީހުން ބުނީ އެ އަށް މީހުންގެ މައްޗަށް އަދި ދައުވާކޮފައި ނުވާނެ ކަމަށާއި އެ މައްސަލަ ވެސް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.